ENGLISH
28 ޖޫން 2026
އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި އިދާރާތަކާއެކު އެއްބަސްވުންތަކެއް
28 ޖޫން 2026
|
އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި އިދާރާތަކާއެކު އެއްބަސްވުންތަކެއް
އެންމެ މަޤްބޫލު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލްގައި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން މި ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެކަން އެ ކުންފުނިން ބުނެ އެވެ. ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދެކޭ ކަަމަށްވެސް އެމްއޭސީއެލުން ބުނެ އެވެ.
މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނެ އެވެ.
މި ފަހުމުނާމާގައި ސޮއި ކުރި ހުރިހާ އިދާރާތަކަށް ޝުކުރު އަދާކޮށް އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންދޭ ކަަމަށެވެ.