ENGLISH

28 ޖޫން 2026

Advertisement

އެމްއޭސީއެލަށް ލިބޭ ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްގެން ނަފާ ހޯދާ ވާހަކަ ދޮގުކޮށްފި

28 ޖޫން 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ؛ ރައީސް އޮފީސް.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް -- އެމްއޭސީއެލްއަށް ލިބޭ ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްގެން ނަފާ ހޯދާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ. 

އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރު ކުންފުނީގެ ބޭނުމަށް ރަސްމީ ބޭންކް ރޭޓް ކަމުގައިވާ 15.42 ރުފިޔާގައި މާރުކުރުމަށް ފަހު، އެ ޑޮލަރު ކަޅު ބާޒާރުގައި 20 ރުފިޔާއިން މަތިން މާރުކޮށްގެން ބޮޑު ކޮރަޕްޝަނެއް ހިންގަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރުތަކެއް ދަނީ ދައުރުވަމުންނެވެ.

''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ އިިއްޔެގެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އެފަދަ ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައި ނުވާކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ކަމެއް ގޯހުންދާނަމަ މުއައްސަސާތަކަށް ހުށަހަޅައިގެން އެކަމެއް ބެލޭނެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިފަދަ ފައިސާ ޕީއެންސީގެ ބޭނުންތަކަށް ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ތަރުޖަމާނު ދޮގު ކުރެއްވި އެވެ.

"އަޅުގަނޑަކީ ޕީއެންސީގެ ނައިބު ރައީސެއް، އަޅުގަނޑެއް ނުކުރަން. އަޅުގަނޑަށް އެނގޭ ޕާޓީގެ ރައީސް ނުކުރައްވާނެކަން. އަޅުގަނޑުމެންނަށް ވެގެން ވަންޏާ އެހެން ކުރާކަށްވެސް ފުރުސަތު ނުދޭނަން." ތަރުޖަމާނު ވިދާޅުވި އެވެ.

ކަޅު ބާޒާރުގެ ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެއާއެކު ޑޮލަރު ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުމަށް އަމާޒުކޮށްގެންވެސް މަސައްކަތްތަކެއް ކުރެވޭކަން ތަރުޖަމާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ލިބޭ ޑޮލަރު ހެޔޮ ގޮތުގައި ބޭނުންކުރުމަށާއި، ރަސްމީކޮށް ޑޮލަރު މާރު ކުރަން ލައިސެންސް ދީފައި ހުރި ތަންތަން މިހާރަށްވުރެ ބޮޑަށް މޮނީޓާކުރުމުގެ ނިޒާމް މަރުކަޒީ ބޭންކުން ވަރުގަދަކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު