ENGLISH

18 އޭޕްރީލު 2025

Advertisement

ޑޯޓްމުންޑް މެޗުގައި ބާސެލޯނާގެ ކުޅުންތެރިން ސަމާލުވުމަށް ފްލިކް ގޮވާލައިފި

15 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާގެ ކޯޗު، ފްލިކް. --ފޮޓޯ ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ ބޮރޫޝިއާ ޑޯޓްމުންޑްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ބާސެލޯނާގެ ކުޅުންތެރިން ޔަގީންކަމާއި ފަޚުރުވެރިކަމާއެކު ކަނޑައެޅިފައިވާ އަމާޒަށް ވާސިލްވުމަށް ހާއްސަ ސަމާލުކަމެއްދީގެން ނިކުތުމަށް އެ ޓީމުގެ ކޯޗު، ހަންސީ ފްލިކް ގޮވާލައިފިއެވެ.

ފްލިކް މިހެން ބުނީ، މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފްލިކްގެ ވާހަކައިގައިވަނީ، ބާސެލޯނާ އިން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 24 މެޗުން ބަލިނުވެ ނިންމާލާފައިވީނަމަވެސް، ކުރިއަށް އޮތް ޑޯޓްމުންޑް މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކިއްޖެނަމަ ދަމަހައްޓަމުން އަންނަ ރެކޯޑުގެ އެއްވެސް މާނައެއް ނެތް ކަމަށް ބުނެފައެވެ.

ފްލިކް ބުނީ، މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗުން 4-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެފައިވީނަމަވެސް ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސޭހަކޮށް ނުލާނެ ކަމަށެވެ.

"އަހަރެން މި ޓީމަށް ވަރަށް ބޮޑަށް އިތުބާރު ކުރަން، ވަރަށް ގިނަ މެޗުތަކެއް ބަލިނުވެ ފުރިހަމަކޮށްފައިވާނެ. މިއީ އަހަރެމެން ފަޚުރުވެރިވާން ޖެހޭނެ ފަދަ ކަމެއް. އެންމެ ކުޅުންތެރިއަކާ މެދު ވެސް ޝަކުވާ ކުރާނެ ޖާގައެއް ނެތް. މިއީ އާދަޔާ ހިލާފަށް މޮޅު ޓީމެއް،" - ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް

މި ފަހަރުގެ ސީޒަނުގައި ތިން މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުޞަތު ބާސެލޯނާ އަށް އޮތް ނަމަވެސް، މިވަގުތު އެ ޓީމުގެ ހުރިހާ ސަމާލުކަމެއްދޭނީ ޑޯޓްމުންޑް މެޗަށް ކަމަށް ފްލިކް ބުންޏެވެ. ބާސެލޯނާއިން އަބަދުވެސް ވިސްނާނީ އެ ކުރިމަތިލާ މެޗެއްގައި ވީ އެންމެ ރަނގަޅަށް ކުޅުމަށް ކަމަށް ވެސް ފްލިކްގެ ވާހަކައިގައި ފާހަގަކުރިއެވެ.

ބާސެލޯނާ ޓީމުގައި ގިނަ އަދަދަކަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި، އަބަދުވެސް ސަމާލުކަންދޭނީ އެ ދުވަހެއްގައި ކުޅެން އޮންނަ މެޗަކަށް ކަމަށް ފްލިކް ބުންޏެވެ. އަދި، ޑޯޓްމުންޑްގެ ދަނޑަކީ އަބަދުވެސް ނަތީޖާ ނެރެން އުނދަގޫ ދަނޑެއްގެ ގޮތުގައި ފްލިކް ވަނީ ސިފަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރގެ ދެވަނަ ލެގުގައި ޑޯޓްމުންޑްއާ ދެކޮޅަށް ބާސެލޯނާ ކުޅެން ހަމަޖެހިފައިވާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު