ENGLISH
26 އޭޕްރީލު 2025
ވަޔަޑޮލިޑާ ދެކޮޅަށް އެތުލެޓިކޯ ދެއްކި ކުޅުމަށް ސިމިއޯނީގެ ތަޢުރީފު
15 އޭޕްރީލު 2025
|
އެތުލެޓިކޯގެ ކޯޗު، ސިމިއޯނީ. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި، ރެއާލް ވަޔަޑޮލިޑް އަތުން 4-2 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައި ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ތަޢުރީފުކޮށްފިއެވެ.
ސިމިއޯނީ މިހެން ބުނީ، ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މެޗަށްފަހު ދެއްކި ވާހަކައިގައި ސިމިއޯނީ ވަނީ، ފަހަކަށްއައިސް އެތުލެޓިކޯ ކުޅޭ މެޗުތަކުގައި ފަހަތުންއަރައި މޮޅުވާން މަސައްކަތްކުރަން ޖެހުނު ނަމަވެސް އެކަމާ ކަންބޮޑު ނުވާކަން ފާހަގަކޮށްފައެވެ.
ރޭގެ މެޗުން މޮޅުވެ، އެތުލެޓިކޯ ވަނީ ލީގުގެ ތިންވަނައިގައި ހަމަޖެހިލާފައެވެ. އެންމެ ކުރީގައި އުޅޭ ބާސެލޯނާ އަށް 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އުޅެނީ ރެއާލް މެޑްރިޑެވެ. އެތުލެޓިކޯ ތިންވަނައިގައި އޮތީ 63 ޕޮއިންޓާއެކު އެވެ.
ސިމިއޯނީ ބުނީ، ޖެހިޖެހިގެން ދެވަނަ މެޗުގައި ފަހަތުންއަރައި އެތުލެޓިކޯ އިން ކާމިޔާބު ހޯދިއިރު އެންމެ މުހިއްމީ ޓީމުން އެކަމަށް ރިއެކްޓުކުރި ގޮތް ކަމަށެވެ.
"މުހިންމީ ޓީމުގެ ރިއެކްޝަން، ޕެނަލްޓީއާއި ޖިއުލިއާނޯގެ ގޯލާއި، ދެން އަހަރެމެން އަނެއްކާވެސް މެޗުގެ ކުޅުން ލަސްކޮށްލީ. އޭގެ ފަހުން، މެޗު ދިޔައީ އަހަރެމެން ބޭނުންވި ގޮތަށް،" ސިމިއޯނީ ބުންޏެވެ.
ސިމިއޯނީ ވަނީ، ފަސޭހަ މެޗެއް ނޯންނާނެ ކަމަށާއި، އަބަދުވެސް އުނދަގޫ ވަގުތުތައް އަންނާނެ ކަމަށް ބުނެފައެވެ. އަދި، މެޗުތައް އަބަދު ކޮންޓްރޯލްކޮށް، ޑޮމިނޭޓްނުކުރެވޭނެ ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.
މެޗުތަކުގައި ކޮންޓްރޯލުނުކުރެވޭނެ ކަންތައްތައް ހުންނާނެކަން ރޭގެ މެޗުން ވެސް ފެނިގެންގޮސްފައިވާ ކަމަށާއި، އެ މެޗު ކާމިޔާބުކުރެވުނީ މުޅި ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށް ސިމިއޯނީ ވަނީ ބުނެފައެވެ.
ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުގައި ސިމިއޯނީގެ ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީގެ ފަރާތުން ދެއްކި ކުޅުމަށް ތަޢުރީފުކޮށް، އޭނާ ބުނީ، މުޅި ސީޒަނުގައި މިހާތަނަށް ދައްކަމުންއަންނަ ކުޅުމާމެދު އަޖައިބުވި ކަމަށެވެ. އަދި، އެއްފެންވަރެއްގައި ކުޅުން ހިފަހައްޓަންޖެހޭނެ ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.