ENGLISH
16 އޭޕްރީލު 2025
އެއްވަނަ ޓީމުގެ ގޮތުގައި ޕޮލިސް ސެމީ އަށް
14 އޭޕްރީލު 2025
|
ހުރާ ކޮމިއުނިޓީ ކުލަބާ ޕޮލިސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ޕޫލް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކުލަބުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށްފައެވެ.
ޕޮލިހުން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-22، 25-17، އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ އެވެ.
މި މެޗުން ބަލިވި ނަމަވެސް، ހުރާ ޓީމު ވަނީ ޕޫލް އޭ އިން ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ތާވަލްކޮށްފައިވަނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހަށެވެ. ސެމީން ފުރުޞަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމަށެވެ. ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ދެވަނަ ސެމީން ބަލިވާ ޓީމަކާ ފުރަތަމަ ސެމީގައި ދެ ގްރޫޕުގެ ދެވަނަ ޓީމުގެ ތެރެއިން މޮޅުވާ ޓީމެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.