ENGLISH
15 އޭޕްރީލު 2025
އަލްކަރާޒް، މޮންޓެ ކާލޯ ޓެނިސް މުބާރާތް ކާމިޔާބުކޮށްފި
13 އޭޕްރީލު 2025
|
އަލްކަރާޒް، މޮންޓެ ކާލޯ ޓެނިސް މުބާރާތުގެ ޓްރޮފީ އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް
މޮންޓެ ކާލޯ ޓެނިސް މުބާރާތުގެ ފައިނަލުގައި ފަހަތުންއަރައި، އިޓަލީގެ ލޮރެންޒޯ މުސޭޓީ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.
މިއީ އަލްކަރާޒް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި، މިއީ އޭނާގެ ހަވަނަ އޭޓީޕީ މާސްޓާސް 1000 ގެ ޓްރޮފީ އެވެ. މީގެއިތުރުން، މިއީ އަލްކަރާޒްގެ ކެރިއަރުގެ 18 ވަނަ ޓްރޮފީ ވެސް މެއެވެ. އޭނާ އެންމެ ފަހުން ކާމިޔާބުކުރި މާސްޓާސް ޓްރޮފީ އަކީ މިދިޔަ އަހަރުގެ އިންޑިއަން ވެލްސް މުބާރާތެވެ.
މިހާތަނަށް ގްރޭންޑް ސްލޭމް ޓެނިސް ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވާ އަލްކަރާޒް ވަނީ 2-1 ސެޓުން މުސޭޓީ ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓުން 6-3 އިން މުސޭޓީ ކުރިހޯދާފައިވަނިކޮށް، އަލްކަރާޒް ވަނީ ދެން ޖެހިގެންއައި ދެ ސެޓުން 6-1، އަދި 6-0 އިން ކާމިޔާބުކޮށްފައެވެ.
މިއީ އަންނަ މެއި މަހު އޮންނަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުރީން، އަލްކަރާޒް އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މި މެޗު ކާމިޔާބުކޮށް، އޭނާ ވަނީ ދުނިޔޭގެ ރޭންކިންގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ވަނީ، ނިމިދިޔަ ހަފްތާގައި ދަތި، އުނދަގޫ ގިނަ ކަންތައްތަކެއް ތަހައްމަލު ކޮށްފައިވާ ކަމަށް ބުނެފައެވެ.
"އަހަރެން މި ހުރިހާ ކަމަކާ ކުރިމަތިލި ގޮތާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވަން،" އަލްކަރާޒް ބުންޏެވެ.
އަލްކަރާޒް ބުނީ، ދަތި އުނދަގޫ ދުވަސްތަކަކަށްފަހު، މޮންޓެ ކާލޯ ޓެނިސް މުބާރާތް ކާމިޔާބުކުރެވުމާއެކު ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.