ENGLISH
15 އޭޕްރީލު 2025
ސަލާހުގެ ރެކޯޑާއެކު، ލިވަޕޫލު ލީގު ހޯދުމާ ގާތަށް
13 އޭޕްރީލު 2025
|
ލިވަޕޫލުން ލަނޑުޖެހުމުން ސަލާހު (ވ-2) އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއަރ ލީގު.ކޮމް
ލިވަޕޫލްގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު ޤާއިމުކުރި ރެކޯޑާއެކު، ވެސްޓް ހޭމް 2-1 އިން ބަލިކޮށް، އެ ޓީމުން ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ލިވަޕޫލު ވަނީ ތާވަލްގެ ކުރީގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިއާއެކު، ދެވަނައިގައި އުޅޭ އާސެނަލް ދެން ކުޅޭ މެޗުގައި އިޕްސްވިޗް ޓައުން އަތުން ބަލިވެ، އަދި ލިވަޕޫލަށް ކުރިއަށް އޮތް ލެސްޓަރ ސިޓީ މެޗު ކާމިޔާބުކޮށްގެން ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ.
ލިވަޕޫލް އެއްވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އާސެނަލް އޮތީ 63 ޕޮއިންޓާއެކު އެވެ. ނޮޓިންގހަމް ފޮރެސްޓް ތިންވަނައިގައި އޮތީ 57 ޕޮއިންޓް ހަމަކޮށްގެންނެވެ.
އެންފީލްޑްގައި ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒް ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
މި އެސިސްޓާއެކު ސަލާހު ވަނީ ޕްރިމިއަރ ލީގުގެ ތާރީޚުގައި 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑާއެކު، އެންމެ ގިނަ ގޯލްޖެހުމަށް އެހީތެރިވެދިނުމުގެ ރެކޯޑް ޤާއިމުކޮށްފައެވެ. އެއީ، 27 ގޯލްޖަހައި، އިތުރު 18 ލަނޑުޖެހުމަށް އެހީތެރިވެދީގެންނެވެ. މިއާއެކު، ސަލާހު ވަނީ މުޅިއެކު 45 ގޯލްޖެހުމުގައި ހިއްސާވެފައެވެ.
ލިވަޕޫލްގެ ކެޕްޓަން، ވެން ޑައިކް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
މެޗުގެ 86 ވަނަ މިނެޓުގައި ވެސްޓް ހޭމުން އެއްވަރުކުރީ ލިވަޕޫލްގެ ޑިފެންޑަރު، އެންޑީ ރޮބަޓްސަން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
ލިވަޕޫލުން އަލުން ލީޑުނަގައި، މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށް، ކޯނަރެއްގެ އެހީގައި ވެން ޑައިކް ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އަލެކްސިސް މެކްއެލިސްޓާ އެވެ.
މި މެޗުން ބަލިވި ވެސްޓް ހޭމް އުޅެނީ 17 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޗެލްސީގެ ދަނޑުގައި އެ ޓީމު ވަނީ 2-2 އިން އިޕްސްވިޗް ޓައުންއާ އެއްވަރުވެފައެވެ. ޓޮޓްނަމް ހޮޓްސްޕަރ ވަނީ ވުލްވްސްގެ ދަނޑުގައި 4-2 އިން ބަލިވެފައެވެ.