ENGLISH
15 އޭޕްރީލު 2025
ސުލްޙައިގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވިފަހުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1،500 އަށް އަރައިފި
13 އޭޕްރީލު 2025
|
ފަލަސްތީނުގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް ޙަމާސް ޖަމާޢަތާ އެކު ވެވުނު އެއްބަސްވުމާ އިޒްރޭލުން ޚިލާފުވެ، ޣައްޒާއަށް ޢުދުވާނުތައް އަލުން ދޭން ފެށިފަހުން، ޝަހީދުކޮށްލި މީހުންގެ އަދަދު 1،500 އަށް ވުރެ މަތިވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް 21 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އެއާއެކު، މާޗް މަހުގެ 18 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ލާއިންސާނީ ޢުދުވާނުތަކުގައި ޝަހީދުކޮށްލި މީހުން އަދަދު 1،560 އަށް އަރާފައިވާ ކަމަށް ބުންޏެވެ.
އޭގެތެރޭގައި އެތައް ސަތޭކަ މައުސޫމް ކުޑަކުދިިން ވެސް ހިމެނެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 50،933 މީހުން ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެ 116,045 މީހުންނަށް ޒަޚަމް ވެފައިވާ ކަމަށެވެ.