ENGLISH
14 އޭޕްރީލު 2025
ބާސެލޯނާ އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
13 އޭޕްރީލު 2025
|
ބާސެލޯނާއާ ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ލެގަނޭސް 1-0 އިން ބަލިކޮށް، ބާސެލޯނާ އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
މިއީ ލީގުގައި ބަލިނުވެ ބާސެލޯނާ އިން ފުރިހަމަކުރި 12 ވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ކުޅެމުން އަންނަ ޓީމުތަކުގެ ތެރެއިން މި އަހަރު ތެރޭގައި ލީގު މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ ވެސް ބާސެލޯނާ އެވެ.
ލެގަނޭސްގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ފަހު ހާފުގެ ކުރީކޮޅު، އެ ޓީމުގެ ޖޯޖް ސައެންޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ބާސެލޯނާގެ ވިންގް، ރަފީނިއާ ނަގައިދިން ހުރަހެއްގެ އެހީގައި ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލެގަނޭސްގެ ސައެންޒް އަތުން ވަތް ގޯލެކެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ބުނީ، ލެގަނޭސްއާ ދެކޮޅަށް ކުޅުނު މެޗު ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. އެހެންކަމުން، އެ މެޗު ކާމިޔާބުކުރެވުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑު ކަމަށް ވެސް ފްލިކް ފާހަގަކުރިއެވެ.
"ފާއިތުވި މަސްތަކުގައި އަހަރެމެން ކުރަމުންމިދާ މަސައްކަތާމެދު ފަޚުރުވެރިވަން،" ފްލިކް ބުންޏެވެ.
ފްލިކް ބުނީ، ކުރިއަށް އޮތް ތާނގާއި އަދިވެސް އޭނާގެ ޓީމުން ޑިފެންސާއި އެޓޭކުގައި އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ރޭގެ މޮޅާއެކު، ބާސެލޯނާ ލީގުގެ އެއްވަނައިގައި އުޅެނީ 31 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 63 ޕޮއިންޓާއެކު އެވެ. ތިން ޕޮއިންޓް ފަހަތުން އެތުލެޓިކޯ މެޑްރިޑް އޮތީ ތިންވަނައިގައެވެ.
މިހާތަނަށް ހުރިހާ މުބާރާތެއްގައި ބަލިނުވެ 24 މެޗު ފުރިހަމަ ކޮށްފައިވާ ބާސެލޯނާ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އަންނަ ބުދަ ދުވަހު ޖަރުމަނުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި ދެ ޓީމުގެ މެދުގައި މިދިޔަ ހަފްތާގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-0 އިންނެވެ.