ENGLISH

13 އޭޕްރީލު 2025

Advertisement

ބަދަލުތަކެއް ގެނެސްގެން ކުޅެވޭވަރުގެ، ބޮޑު ސްކޮޑެއް ޔުނައިޓެޑްގަ ނެތް: އަމޯރިމް

12 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑްގެ ކޯޗު، އަމޯރިމް. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި އިތުރަށް ހޯދޭނެ ކުރިއެރުމެއް ނެތް ނަމަވެސް، ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅެވޭ ވަރުގެ ބޮޑު ސްކޮޑެއް ނެތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޯރިމް ބުނެފިއެވެ.

އަމޯރިމް މިހެން ބުނީ، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ކުޅެން އޮތް މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިފަހަރުގެ ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގު އަދި ކުރިއަށް އޮތުމާއެކު އެ މެޗުގެ ކުރީން ސްކޮޑު ރޮޓޭޓްކުރުމާމެދު އަމޯރިމްއާ ސުވާލުކުރުމުގެ ގޮތުން ނޫސްވެރިން ވަނީ، މީގެކުރީން 2017 ވަނަ އަހަރުގެ ޔުރޮޕާ ލީގު ކާމިޔާބުކުރުމަށް ޔުނައިޓެޑްގެ އޭރުގެ ކޯޗު، ހޯސޭ މޮރީނިއޯ އެ ފަހަރުގެ ސީޒަނުގައި ލީގުގައި ކުޅުނު މެޗުތަކުގައި އެ ޓީމަށް ބަދަލުތަކެއް ގެނެސްގެން ކުޅުވި ވާހަކައަށް އިޝާރާތްކޮށް، ވާހަކަދައްކާފައެވެ.

"އެފަދަ ކަމެއް ކުރެވޭ ވަރުގެ ސްކޮޑެއް މިހާރަކު އަހަރެމެންގެ ނެތް، އަދި އަހަރެންނަށް އެނގޭ ބައެއް ކުޅުންތެރިންނަށް 90 މިނެޓު ނުކުޅެވޭނެކަން،" އަމޯރިމް ބުންޏެވެ.

ޔުރޮޕާ ލީގުގައި ލިޔޯންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އަމޯރިމް ބުނީ، މިވަގުތަށް ބަލާއިރު ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރަންޖެހޭ ކަމަށާއި، ހާއްސަކޮށް ކުރިއަށް އޮތް ނިއުކާސަލް މެޗުގައި އެ ހުރިހާ ކަމަކަށް ރިޢާޔަތްކުރާނެ ކަމަށެވެ. އަދި، ޔުނައިޓެޑުން ކޮންމެ މެޗަކާ ކުރިމަތިލާއިރު ވެސް އެ ކުލަބުގެ ހުރިހާ ކުޅުންތެރިންގެ ކޮނޑުގައި، ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށް ވެސް އަމޯރިމް ފާހަގަކުރިއެވެ.

އޭނާ ދެކޭގޮތުގައި، ކުރިއަށް އޮންނަ މެޗަށް ތައްޔާރުވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، އެ މެޗުގެ ކުރީން ފުރަތަމަ ކުރިމަތިލާ މެޗު ކާމިޔާބުކުރުން ކަމަށާއި، އެހެން އެކަން ކުރިނަމަވެސް އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންނާ މެދު އިތުރަށް ސަމާލުވެ، ފަރުވާތެރިވާނެ ކަމަށް ވެސް އަމޯރިމް ވަނީ ބުނެފައެވެ.

"މި ކުލަބަށް ކުޅޭއިރު، ދެން ކުރިއަށް އޮތް މެޗާމެދު ވިސްނައިގެން އެއްވެސް މެޗަކާ ކުރިމަތިލައިގެން ނުވާނެ. އެ ދުވަހެއްގެ މެޗަކަށް ހުރިހާ ސަމާލުކަމެއް ދޭން ޖެހޭނީ،" އަމޯރިމް ބުންޏެވެ.

މީގެކުރީން، ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗެއްގެ ތެރެއިން--ފޮޓޯ: ގެޓީ އިމޭޖަސް

ކުރިއަށް އޮތް މެޗުގައި ނިއުކާސަލްއާ ދެކޮޅަށް އެ ޓީމުން ނިކުތުމަށް ތައްޔާރުވާއިރު، ވަކިވަކި ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުޞަތު ދޭނަމަ އެކަން ކުރާނީ ކުލަބުގައި ލިބެންހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އިވެލުއޭޓްކޮށްގެން ކަމަށް ވެސް އަމޯރިމްގެ ވާހަކައިގައި ފާހަގަކުރިއެވެ.

އަމޯރިމް ބުނީ، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަކީ ކޮންމެ މެޗެއްގައި ކުޅޭ ކުޅުންތެރިއަކަށް ވީނަމަވެސް އޭނާ ކޮންމެ މެޗެއްގައި ވެސް ކުޅުން ދަނީ ރަނގަޅުކުރަމުން ކަމަށެވެ. އެހެންކަމުން އެ ފަދަ ކުޅުންތެރިންނަކީ ކޮންމެ މެޗެއްގައި ކުޅުވަން ޖެހޭ ކުޅުންތެރިން ކަމަށް ވެސް އަމޯރިމް ބުންޏެވެ.

މިވަގުތު ލީގުގެ 13 ވަނައިގައި އުޅޭ ޔުނައިޓެޑުން ރަށުން ބޭރުގައި ފަސްވަނައިގައި އޮތް ނިއުކާސަލްއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު