ENGLISH

13 އޭޕްރީލު 2025

Advertisement

ފަހަތުންއަރައި ޕެލަސް ބަލިކޮށް، ސިޓީ އަށް އުއްމީދެއް

12 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ސިޓީއާ ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން--ފޮޓޯ/ ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަހަތުންއަރައި، ކްރިސްޓަލް ޕެލަސް އަތުން 5-2 އިން މޮޅުވެ، މެންޗެސްޓަރ ސިޓީން ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް ޖެހިލައިފިއެވެ.

މި މޮޅާއެކު، ސިޓީ ވަނީ ހަތަރުވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 32 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ސިޓީއާ އެންމެ ގާތުން ވާދަކުރަމުންއަންނަ، މިވަގުތު ހަވަނައިގައި އުޅޭ ޗެލްސީ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 53 ޕޮއިންޓެވެ. މީގެއިތުރުން، ދެ މެޗު މަދުން ކުޅެފައިވާ ނިއުކާސަލް ޔުނައިޓެޑް އޮތީ 53 ޕޮއިންޓާއެކު ހަތްވަނައިގައެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް 31 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ދެވަނައިގައި އޮތް އާސެނަލަށް 62 ޕޮއިންޓް ލިބިފައިވާއިރު، ނޮޓިންގހަމް ފޮރެސްޓް އުޅެނީ 57 ޕޮއިންޓާއެކު ތިންވަނައިގައެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި ޕެލަސް އިން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ އެބެރޭޗީ އެޒޭ އާއި ކްރިސް ރިޗަޑްސް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ކެވިން ޑި ބްރޭނާގެ ހިލޭޖެހުމަކާއި، މިސްރުގެ ފޯވާޑް، އޮމަރް މާމޯޝްގެ ގޯލާއެކު ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު، ޑި ބްރޭނާ އާއި ސިޓީގެ ގޯލްކީޕަރު، އެޑަސަން މޮރައެސްގެ އެހީތެރިކަމާއެކު މަޓެއޯ ކޮވެސިޗް އާއި ޖޭމްސް މެކަޓީގެ ގޯލުތަކުން އެ ޓީމުން ލީޑު ނެގިއެވެ. އަދި، އޭގެފަހުން ޒުވާން ޑިފެންޑަރު، ނިކޯ އޯ'ރެއިލީ ވައްދާލި ލަނޑާއެކު ސިޓީން މޮޅު ކަށަވަރުކުރިއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސައުތެމްޓަންގެ ދަނޑުގައި އެސްޓަން ވިލާ ވަނީ 3-0 އިން މޮޅުވެފައެވެ. ނޮޓިންގހަމް ފޮރެސްޓްގެ ދަނޑުގައި އެ ޓީމު އަތުން އެވަޓަން މޮޅުވީ 1-0 އިންނެވެ. ބްރައިޓަންގެ ދަނޑުގައި ލެސްޓަރ ސިޓީއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު