ENGLISH
19 އޭޕްރީލު 2025
ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ޓެރިފް ހަނގުރާމަ ކުރިއަށް: ޗައިނާއިން އެމެރިކާގެ މުދަލުން 125 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފި
12 އޭޕްރީލު 2025
|
އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ 125 ޕަސެންޓުން ބޮޑުކުރަން ޗައިނާއިން ނިންމުމާ އެކު، ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދު ފެށިފައިވާ ވިޔަފާރީގެ ހަނގުރާ އިތުރަށް ގޯސްވެއްޖެއެވެ.
ޗައިނާއިން ޑިޔުޓީ ބޮޑުކޮށްފައިވަނީ، އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުގެ ރައްދުގައެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.
ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.
ނަމަވެސް، އެމެރިކާއާ އެންމެ ވާދަވެރި ޗައިނާއަށް އެ ލުއި ޓްރަމްޕް ދެއްވައިފައެއް ނުވެއެވެ.
މި ނުތަނަވަސްކަމާ ގުޅޭގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި، ޝީ ވަނީ އެމެރިކާއިން ދައްކާ ބިރަކަށް ޗައިނާ ފަހަތަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެފައެވެ.
ވިޔަފާރީގެ މި ހަނގުރާމައިގެ ސަބަބުން، މުޅި ދުނިޔޭގެ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ދެމުންދާއިރު، ޓްރަމްޕް އިއްޔެ ވެސް ވަނީ ޑިޔުޓީ ބޮޑުކުރުމުގެ ސިޔާސަތު ދިފާޢުކުރައްވައިފައެވެ.
ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމެރިކާއަށް ބޮޑެތި ފައިދާތައް ކުރާނެއެވެ.
ނަމަވެސް، މި ނުތަނަވަސްކަން ހައްލުކުރަން ޗައިނާއާ އެކު މަޝްވަރާކުރުމުގެ ފުރުޞަތު އޮތް ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފައެވެ.