ENGLISH
18 އޭޕްރީލު 2025
މަޝްވަރާއަށް ފުރުޞަތު ދޭން، އެމެރިކާގެ ފަހަތުން އީޔޫން ވެސް ޑިޔުޓީ ބޮޑުކުރުން މަޑުޖައްސާލައިފި
11 އޭޕްރީލު 2025
|
ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރްސަލާ. --ފޮޓޯ: ބީބީސީ
ދުނިޔޭގެ ބާޒާރަށް ލޮޅުން އަރާފައިވާކަމަށް އެއްބަސްވެވަޑައިގެން، އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުމުގެ ނިންމުން ފަސްކުރައްވަން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން މަޝްވަރާއަށް ފުރުޞަތު ދިނުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުން މަޑުޖައްސާލާފައިވާކަމަށް ވިލާތުގެ އިއްތިހާދު، އީޔޫން ބުނެފިއެެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.
ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވާފައިވާކަން އިއްޔެ އިޢުލާނުކުރައްވައިފައެވެ. އޭގެތެރޭގައި އީޔޫގެ ޤައުމުތައް ވެސް ހިމެނެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރސިޔުލަރ ވޮން ޑޭ ލަޔަން ވިދާޅުވީ އެމެރިކާއިން ޑިޔުޓީ ބޮޑުކުރުމުގެ ރައްދުގައި އެމެރިކާއިން އީޔޫގެ ޤައުމުތަކަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވާ ނިންމުން މަޑުޖައްސަލާފައިވާ ކަމަށެވެ.
މިގޮތުން، އެމެރިކާ އެކޭ އެއްގޮތަށް، ޑިޔުޓީ ބޮޑުކުރުމުގެ ނިންމުން ފަސްކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރސިޔުލަރ ވިދާޅުވި ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެމެރިކާއާ އެކު އޮތް ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށާއި، ޑިޔުޓީ ބޮޑުކުރާނީ 90 ދުވަސް ފަހުން އެ މަޝްވަރާތަކަށް އަލި މަގެއް ނުފެނިއްޖެނަމައެވެ.
އެމެރިކާ އާއެކު ޒީރޯ ޑިޔުޓީގެ އެއްބަސްވުމަކަށް ދާން ތައްޔާރުކަމުގެ އިޝާރާތެއް އީޔޫން މީގެކުރިން ވަނީ ދީފައެވެ.
ނަމަވެސް، އެފަދަ އެއްބަސްވުމަކުން ފައިދާ ބޮޑުވާނީ އީޔޫއަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ސަބަބަކީ އެމެރިކާއިން އެތެރެކުރާ މުދަލަށް ވުރެ، އީޔޫން އެމެރިކާއަށް އެކްސްޕޯޓު ކުރާ މުދަލުގެ އަގު ބޮޑުވުމެވެ.
މިގޮތުން، މިދިޔަ އަހަރު އެމެރިކާއިން 366.2 ބިލިއަން ޑޮލަރު އީޔޫއަށް އެތެރެކޮށްފައިވާއިރު، އީޔޫން އެމެރިކާއަށް އެކްސްޕޯޓުކުރި މުދަލުގެ އަގު 582.1 ބިލިއަން ޑޮލަރަށް އަރައެވެ.