ENGLISH
18 އޭޕްރީލު 2025
ދުނިޔޭގެ ބާޒާރަށް ލޮޅުން އެރުމުން ޑިޔުޓީ ބޮޑުކުރުން ޓްރަމްޕް ފަސްކުރައްވައިފި، އެކަމަކު ޗައިނާއަށް ދޫނުދެއްވި
10 އޭޕްރީލު 2025
|
ދުނިޔޭގެ ބާޒާރަށް ލޮޅުން އަރާފައިވާކަމަށް އެއްބަސްވެވަޑައިގެން، ގިނަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރުމުގެ ނިންމުން ފަސްކުރައްވަން، ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް 20 ޕަސެންޓު އަދި ޖަޕާނުން އެތެރެކުރާ މުދަލުން 24 ޕަސެންޓުން ވަނީ ޑިޔުޓީ ބޮޑުކޮށްފައެވެ.
ބާކީ ތިބި ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވާފައިވާކަން މިއަދު އިޢުލާނުކުރައްވައިފައެވެ.
ނަމަވެސް، އެމެރިކާއާ އެންމެ ވާދަވެރި ޗައިނާއަށް ލުއި ދިނުމުގެ ބަދަލުގައި، އިޙްތިރާމް ކުޑަކޮށް ޢަމަލުކޮށްފައިވާތީ، 125 ޕަސެންޓުން ޑިޔުޓީ ބޮޑުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޑިޔުޓީ ބޮޑުކުރުން މަޑުޖައްސައިލެއްވީ ދުނިޔޭގެ ބާޒާރަށް އަރާފައިވާ ލޮޅުމުގެ ސަބަބުން ކަމަށް ވެސް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވިއެވެ.
މިގޮތުން، ޗައިނާ ވެސް ހިމެނޭ ގޮތަށް ހުރިހާ ޤައުމުތަކާއެކު ވެސް ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ފުރުޞަތު އޮތް ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ޑިޔުޓީ މަޑުޖައްސައިލަން ނިންމެވީ، ޑިޔުޓީ ބޮޑުކުރުމަށް ރައްދު ދިނުމުގެ ބަދަލުގައި މަޝްވަރާކުރަން 75 އެއްހާ ޤައުމުން އެދިފައިވާތީއެވެ.
ޓްރަމްޕްގެ ޑިޔުޓީ ބޮޑުކުރުމުގެ ނިންމުމުގެ ރައްދުގައި ޑިޔުޓީ ބޮޑުކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.
މިގޮތުން، ޗައިނާގެ މުދަލުން އެމެރިކާއިން 104 ޕަސެންޓުގައި ޓެރިފް ނަގަން ނިންމުމުގެ ރައްދުގައި އެމެރިކާގެ މުދަލުން ޗައިނާއިން 84 ޕަސެންޓުގައި ޓެރިފް ނަގަން ނިންމައި، ވަނީ އިޢުލާނުކޮށްފައެވެ.