ENGLISH
18 އޭޕްރީލު 2025
ޖަނަވަރީ މަހު ބޭންކުތަކަށް 638 މިލިއަނުގެ އާމްދަނީއެއް، ސާފު ފައިދާ 269 މިލިއަނަށް
10 އޭޕްރީލު 2025
|
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް
ޖަަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކަށް އާމްދަނީގެ ގޮތުގައި 638.7 މިލިއަން ރުފިޔާ ލިބި ޓެކުސްތަކަށްފަހު ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބުނުކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ބޭންކުތަކަށް ޖަނަވަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން 386.8 މިލިއަން ރުފިޔާއަކީ އިންޓަރެސްޓު އާމްދަނީގެ ގޮތުގައި ލިބުނު 507.4 މިލިއަން ރުފިޔާއިން ބޭންކުތަކުން އަދާކުރަންޖެހޭ އިންޓަރެސްޓަށް ހަރަދުކުރި 120.5 މިލިއަން ރުފިޔާ އުނިކުރުމުން ލިބުނު ސާފު އިންޓަރެސްޓު އާމްދަނީއެވެ.
އޭގެ އިތުރަށް ފީތަކާއި ކޮމިޝަންތަކުގެ ގޮތުގައި 251.9 މިލިއަން ރުފިޔާ އަދި މާލީ އާލާތްތަކުގެ ފައިދާގެ ގޮތުގައި 22 މިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ލިބުނު 6.1 މިލިއަން ރުފިޔާއާއެކު ޖުމްލަ 251.9 މިލިއަން ރުފިޔާ އިންޓަރެސްޓު ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ބޭންކުތަކަށް ލިބުނެވެ.
ޖުމްލަ 638.7 މިލިއަން ރުފިޔާ އިންޓަރެސްޓު އަދި އިންޓަރެސްޓު ނޫން ގޮތްގޮތުން އާމްދަނީއަށް ލިބުނުއިރު ބޭންކުތަކުންވަނީ ހަރަދުތަކަށް 237.3 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ މުވައްޒަފުންގެ ހަރދުތަކށް ހޭދަވި 66.1 މިލިއަން ރުފިޔާއާއި އެހެނިހެން ކަަންކަމަށް ހޭދަވި 171.2 މިލިއަން ރުފިޔާއެވެ.
ހަރަދުތައް ކެނޑުމަށްފަހު ޓެކުހުގެ ކުރިން ފައިދާގެ ގޮތުގައި 365.2 މިލިއަން ރުފިޔާ ލިބުނުއިރު އެއިން 95.7 މިލިއަން ރުފިޔާ އާމްދަނީގެ ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައްކާނެއެވެ. އެހެންކަމުން ޖަނަވަރީ މަހު ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 269.5 މިލިއަން ރުފިޔާއެވެ.