ENGLISH

02 ޖުލައި 2026

Advertisement

އަލަށް 18 ރަށެއްގައި ލެބޯޓަރީ ޚިދުމަތް ފަށައިފި، މި އަހަރު 76 ރަށެއްގައި ފަށާނެ

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

އެމީހަކު ދިރިއުޅޭ ރަށަކުން އަސާސީ ޓެސްޓުތައް ހެދޭ މިންވަރަށް ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް

އަތޮޅު ތެރެއިން ލިބޭ ޞިއްޙީ ޚިދުމަަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ދައުރުގެ މިހާތަނަށް 18 ރަށެއްގައި އަލަށް ލެބޯޓަރީ ޚިދުމަތް ގާއިމުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. 

އެމްއެމްޓީވީން އެދިގެން ސިއްހީ ކަންކަމާ ބެހޭ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް އެއްގޮތަކަށްވެސް ލިބެން ނެތް 18 ރަށެއްގައި މި ދައުރުގެ ތެރޭގައި ޚިދުމަތް ފަށާފައިވެއެވެ. އަލަށް ޚިދުމަތް ލެބޯޓަރީގެ ޚިދުމަތް ދޭން ފެށާފައިވާ ރަށްތަކުގެ ތެރޭގައި ކ.ގުޅިއާއި، ކ.ހުރާއާއި، ގދ.ހޯޑެއްދޫއާއި.، އއ.އުކުޅަހާއި، ލ.މާމެންދޫއާއި، ލ.ދަނބިދޫއާއި، ދ.ހުޅުދެއްޔާއި، ނ.މިލަންދޫއާއި، ނ.މާޅެންދޫ ހިމެނެއެވެ. 

އޭގެ އިތުރަށް ނ.މާފަރާއި، ކ.ހިންމަފުއްޓާއި، ހއ.މާރެންދޫއާއި، ހއ.އުތީމާއި، ހއ.ވަށަފަރާއި ރ.ވާދޫއާއި، އއ.ހިމަންދޫއާއި، އއ.މާޅޮހުގައިވެސް މުޅިން އަލަށް ލެބޯޓަރީގެ ޚިދުމަތް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ތައާރަފުކޮށްފައިވެއެވެ. 

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ތައާރަފުކުރުމެވެ. އެ ޚިދުމަތް ތައާރަފުކުރުމުގެ ގޮތުން، މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކުރެވިފައިނުވާ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި އެ ޚިދުމަތް ފެށުމަށް ބޭނުންވާ ޖާގަތައް އިތުރުކުރުމާއި، އެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ޞިއްޙީ ވުޒާރާއިން އެމްއެމްޓީވީއަށް މައުލޫމާތު ދިން ގޮތުގައި އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިނގަމުންދާ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ތައާރަފުކުރެވޭނެއެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު އެކި މަރުހަލާތަކުގައި ކުރެވެމުންދާކަން އެ ވުޒާރާއިން ފާހަގަކުރިއެވެ. 

ރަށްރަށުގައި ލެބޯޓަރީތައް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން އާދައިގެ ޓެސްޓުތައް ހެދުމަށް ރައްޔިތުން ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަންޖެހެއެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރެގެން މުހިއްމު އަސާސީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގާއިމުކުރުމަށެވެ. 

ސަރުކާރުން ފަށާފައިވާ ހުރިހާ ރަށެއްގައި ލެބޯޓަރީ ޚިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ނިމުމުން ކުރިއާލައި ބަލި ދެނެގަނެ، ބަލި ބޮޑުވުމުގެ ކުރިން ފަރުވާގެ މަރުހަލާ ފެށުމަށް މަގުފަހިވާނެއެވެ. އަދި ބަލިތަކުން ރައްކާތެރިކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު