ENGLISH

02 ޖުލައި 2026

Advertisement

މާލީ ނިޒާމު ހަރުދާނާކުރުމުގައި އިސްދައުރެއް އަދާކުރެއްވި މުއައްސަސާތަކާއި ބޭފުޅުންގެ އަގުވަޒަން ކޮށްފި

02 ޖުލައި 2026

|

އާމިނަތު ނުޒްލާ

އެމްެއެމްއޭ އިން ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ އެވޯޑް ދިނުން - ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑް ދީފިއެވެ.

އެމް.އެމް.އޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑް ދީފައިވެއެވެ.

އެވޯޑްތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމް.އެމް.އޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ފަސް މީހަކަށް ސްޕެޝަލް އެވޯޑް ދީފައިވާއިރު، 10 މީހަކަށް އަގުވަޒަންކުރުމުގެ ބައިން އެވޯޑު ދީފައިވެއެވެ.

ޚާއްޞަ އެވޯޑުތައް:

* ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) - ރާއްޖެއަށް ބޭންކިންގ ޚިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް އަރުވާފައި.

* ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް - އަގުވަޒަންކުރައްވާފައިވަނީ، 1981 ވަނަ އަހަރު އެމް.އެމް.އޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް.

އެމްެއެމްއޭ އިން ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ އެވޯޑް ދިނުން - ފޮޓޯ: އެމްއެމްއޭ

* އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ - ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިންގ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، އެވޯޑް އަރުވާފައި.

* އިލްޔާސް އިބްރާހީމާއި އިބްރާހީމް ޝަފީޤު - އެވޯޑް އަރުވާފައިވަނީ، ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށް.

އެމްެއެމްއޭ އިން ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ އެވޯޑް ދިނުން - ފޮޓޯ: އެމްއެމްއޭ

* އެމް.އެމް.އޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް - ޚާއްޞަ އެވޯޑެއް އަރުވާފައިވަނީ، "ރަންދިހަފަހެއް" ނޫޓު ސީރީޒް ތަޢާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައި.

ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުން:

- ރައީސް މައުމޫން ޢަބްދުލްޤައްޔޫމް - ގަވަރުނަރު (1981-2004)

- އަލްފާޟިލް މުޙައްމަދު ޖަލީލް - ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު (2000-2004)

- އަލްފާޟިލް ޤާސިމް އިބްރާހީމް - ގަވަރުނަރު (2005-2007)

- އަލްފާޟިލް ޢަބްދުﷲ ޖިހާދު - ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު (2005-2007)

- ޑރ. ފަޒީލް ނަޖީބް - ގަވަރުނަރު (2008-2013)

- ޑރ. އަޒީމާ އާދަމް - ގަވަރުނަރު (2014-2017)

- އަލްފާޟިލް އަޙްމަދު ނަޞީރު - ގަވަރުނަރު (2017-2019)

- އަލްފާޟިލް ޢަލީ ހާޝިމް - ގަވަރުނަރު (2019-2024)

އެމްެއެމްއޭ އިން ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ އެވޯޑް ދިނުން - ފޮޓޯ: އެމްއެމްއޭ

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުންނަކީ:

- އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ - ޑެޕިއުޓީ ގަވަރުނަރު (1981-1993)

- އަލްފާޟިލް ޢާރިފް ޙިލްމީ - ޑެޕިއުޓީ ގަވަރުނަރު (1993-2000)

 އެމްއެމްއޭ އިން ބުނީ ،ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމް.އެމް.އޭ އަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

އެގޮތުން މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްޤީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ޤަވާޢިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު