ENGLISH
02 ޖުލައި 2026
ހުޅުމާލެ ފުލެޓް 110 ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން 2 މީހަކަށް ފަރުވާދެނީ
02 ޖުލައި 2026
|
ހުޅުމާލެ ފުލެޓް 110 ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި - ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ހުޅުމާލެ ފުލެޓް 110 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 2 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭ ފްލެޓް 110 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 2 ވަނަ ދުވަހުގެ ދަންވަރު 01:07 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފައެވެ. އަލިފާނުގެ ހަދިސާގެ މައުލޫމާތު ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ދަންވަރު 1:10 ގައި ލިބުމާއި ގުޅިގެން އެ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރުއެވެ.
މި ހާދިސާގައި، 2 ކުޑަކުދިންނަށާއި 3 މީހުނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި ފިރިހެނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ދަނީ ފޯރުކޮށްދެމުންނެވެ.