ENGLISH
17 އޭޕްރީލު 2025
އެމެރިކާ އާއެކު ޒީރޯ ޑިޔުޓީގެ އެއްބަސްވުމަކަށް އީޔޫ ތައްޔާރު، އެކަމަކު ޓްރަމްޕަކަށް ކަމަކު ނުދޭ
08 އޭޕްރީލު 2025
|
އެމެރިކާ އާއެކު ޒީރޯ ޑިޔުޓީގެ އެއްބަސްވުމަކަށް ދާން ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ތައްޔާރުކަމުގެ އިޝާރާތެއް ދީފިއެވެ.
އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމާ އެކު މުޅި ދުނިޔޭގެ ބާޒަރަށް ވަނީ ލޮޅުން އަރައިފައެވެ.
އޭގެތެރޭގައި، އީޔޫގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން، 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން ޓްރަމްޕް ވަނީ ނިންމަވައިފައެވެ.
އެއާއެކު އީޔޫގެ ގައުމުތަކުގެ ޓްރޭޑް މިނިސްޓަރުން އިއްޔެ ވަނީ ބައްދަލުކުރައްވައި، އެމެރިކާގެ އެ ނިންމުމާ ގުޅިގެން ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރައްވައިފައެވެ.
މިގޮތުން، އެމެރިކާ އާ އެކު ވިޔަފާރީގެ ހަނގުރާމައެއް ނުފަށައިވާނެ ގޮތެއް ހޯދުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް މިނިސްޓަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް އީޔޫއިން ބުންޏެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އަރސިޔުލަރ ވޮން ޑޭ ލަޔަން ވިދާޅުވީ، ސިނާއީ ދާއިރާގައި ބޭނުންކުރާ މުދަލުން، ޒީރޯ ޑިޔުޓީގެ އެއްބަސްވުމެއް އެމެރިކާ އާއެކު އެކުލަވައިލަން އީޔޫ ތައްޔާރު ކަމަށެވެ.
ނަމަވެސް، އެފަދަ އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އަންނަ ހަފްތާއިން ފެށިގެން އެމެރިކާއިން އީޔޫއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވާކަން ވެސް އޭނާ ވަނީ އިޢުލާނުކުރައްވައިފައެވެ.
ނަމަވެސް، ޑިޔުޓީ އާ ގުޅޭ މަޝްވަރާއެއްގައި އެމެރިކާ ބޭނުންވާ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ލިބެއެވެ. ސަބަބަކީ އެމެރިކާއިން އެތެރެކުރާ މުދަލަށް ވުރެ، އީޔޫން އެމެރިކާއަށް އެކްސްޕޯޓު ކުރާ މުދަލުގެ އަގު ބޮޑުވުމެވެ.
މިގޮތުން، މިދިޔަ އަހަރު އެމެރިކާއިން 366.2 ބިލިއަން ޑޮލަރު އީޔޫއަށް އެތެރެކޮށްފައިވާއިރު، އީޔޫން އެމެރިކާއަށް އެކްސްޕޯޓުކުރި މުދަލުގެ އަގު 582.1 ބިލިއަން ޑޮލަރަށް އަރައެވެ.
އެއާއެކު ޒީރޯ ޑިޔުޓީގެ އެއްބަސްވުމެއް އީޔޫ އާއެކު އެކުލަވާލައިފިނަމަ، އޭގެ ގެއްލުން އެމެރިކާއަށް ބޮޑުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ކުއްލި ގޮތަކަށް ޑިޔުޓީ ބޮޑުކުރަން ޓްރަމްޕްގެ ނިންމެވުމަކީ، ބައިނަލްއަޤްވާމީ ވިޔަފާރީގެ އުޞޫލުތަކާ ޚިލާފު ޢަމަލެއް ކަމަށް ބުނެ، ޗައިނާއިން ވަނީ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ، ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރަސްމީކޮށް ޝަކުވާއެއް ހުށަހަޅައިފައެވެ.
ޓްރަމްޕްގެ އެ ނިންމެވުމާއެކު މުޅި ދުނިޔޭގެ ވިޔަފާރި އާއި މާލީ ބާޒާރަށް ވަނީ ލޮޅުން އަރައިފައެވެ. އަދި އެމެރިކާއަށް ރައްދު ދިނުމަށް އެހެން ޤައުމުތަކުން ޑިޔުޓީ ބޮޑުކުރަން ފަށައިފިނަމަ، ދުނިޔޭގެ އިޤްތިޞާދީ ބޮޑު ހަނގުރާމައެއް ފެށި، ދުނިޔޭގެ ބާޒާރަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ދަނީ ދެމުންނެވެ.