ENGLISH

10 އޭޕްރީލު 2025

Advertisement

މިޔަންމާ ބިންހެލުމުގައި މަރުވި އަދަދު 3،400 އަށް ވުރެ މަތިވެއްޖެ، މޫސުން ގޯސްވެ އިތުރު ހިތްދަތިކަން

07 އޭޕްރީލު 2025

|

ހަސަން އާމިރު

ދެކުނު އިރުމަތީ އޭޝިޔާގެ މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި، މިހާތަނަށް މަރުވި މީހުންގެ އަދަދު 3،400 އަށް ވުރެ މަތިވެފައިވާއިރު، މިހާރު ކުރަމުންދާ ގަދަވިއްސާރައިގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެ، ބަލިތައް އިތުރަށް ފެތުރުމުގެ ބިރު ބޮޑުވެއްޖެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު މިޔަންމާގެ ސަގާއިންގް ސަހަރުގެ ހުޅަނގު އުތުރަށް ބިންހެލުން އައީ 7.7 މެގްނިޓިޔުޑްގެ ބާރުމިނުގައެވެ. އެ ބިންހެލުމުގެ 12 ވަރަކަށް މިނެޓު ފަހުން، 6.4 މެގްނިޓިޔުޑްގެ ބާރުމިނުގައި އެ ސަރަޙައްދު ކައިރިއަށް އިތުރު ލޮޅުމެއް ވެސް ވަނީ އައިސްފައެވެ.

އެ ބިންހެލުމުގައި އެތަކެއް އިމާރާތެއް ވެއްޓި، މަގުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް، ބްރިޖުތައް ވެސް ވަނީ ވެއްޓިފައެވެ.

ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މި ބިންހެލުމުގައި މިޔަންމާގެ އެކި ހިސާބުތަކުގައި 5،000 އަށް ވުރެ ގިނަ އިމާރާތް ވަނީ ވެއްޓިފައެވެ. އޭގެތެރޭގައި، ސްކޫލްތަކާއި ފައްޅިތަކާއި ޑޭމްތައް، ހޮސްޕިޓަލުތަކާއި ބޮޑެތި މަގުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ކާރިސާގައި މިޔަންމާގެ ގިނަ ސަރަޙައްދުތަކުން ވަނީ ކަރަންޓާއި މުއާސަލާތީ ޚިދުމަތްތައް ވެސް ކެނޑިފައެވެ.

މިޔަންމާގައި ވެރިކަން ހިންގާ އަސްކަރީ ސަރުކާރުން ބުނީ، މި ކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު 3،471 އަށް އަރާފައިވާ ކަމަށެވެ. އަދި އިތުރު 4،671 އެއްހާ މީހުން ޒަޚަމްވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ކާރިސާގައި އެތައް ބަޔެއްގެ ގެދޮރު ގެއްލިފައިވާއިރު، ގިނަ ބަޔަކު ތިބީ ވަގުތީ ހިޔާތަކާއި މަގުތަަކާއި ހުސް ބިންތަކުގައި ޓެންޓު ޖަހައިގެންނެވެ.

ނަމަވެސް، އިއްޔެ އިން ފެށިގެން މިޔަންމާގެ ގިނަ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި، ވަގުތީ ހިޔާވަހިތަކުގައި ތިބި މީހުންގެ ތަކުލީފާއި ހިތްދަތިކަން ވަނީ އިތުރުވެފައެވެ.

އަދި މޫސުން ގޯސްވުމުގެ ސަބަބުން، ކޮލެރާ އާއި މެލޭރިޔާ ފަދަ ބަލިތައް ފެތުރުން އަވަސްވާނެކަމުގެ އިންޒާރު އެހީދޭ ޖަމާޢަތްތަކުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު