ENGLISH

10 އޭޕްރީލު 2025

Advertisement

އިޒްރޭލުގެ ރަހުމްކުޑަ ޢުދުވާނުތަކަށް މަޑުޖެހުމެއް ނެތް، އިއްޔެ ވެސް 44 މީހަކު ޝަހީދުކޮށްލައިފި

07 އޭޕްރީލު 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުގެ ހަރުކަށި ސިފައިން ހުއްޓުމެއްނެތި ދޭ ޢުދުވާނުތަކުގައި އިއްޔެ ވެސް، 44 މީހަކު ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އިޒްރޭލު ސިފައިން އިއްޔެ ޙަމަލާތައް ދިނީ ޙަމާސްއިން އިޒްރޭލަށް ފޮނުވައިލި ރޮކެޓު ޙަމަލާތަކެއްގެ ރައްދުގައި ކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

ޣައްޒާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު މަހްމޫދު ބައްސަލް ވިދާޅުވީ، އިއްޔެގެ ފަތިހުން ފެށިގެން އިޒްރޭލުން ހުއްޓުމެއް ނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި މިހާތަނަށް 44 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އޭގެތެރޭގައި، ޚާން ޔޫނުސްއިން ޝަހީދުވި 21 މީހަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫ ބުނީ، މި އޮޕަރޭޝަންގެ ބޭނުމަކީ ޙަމާސްގެ ސަރަޙައްދުތައް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސް، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ބާކީތިބި އަސީރުން މިނިވަންކުރަން މަޖުބޫރުކުރުވުން ކަމަށެވެ.

ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރި އަސީރުންގެ އިތުރަށް، ޙަމާސްގެ ބެލުމުގެ ދަށުގައި 59 އަސީރުން ތިބި ކަމަށް އިޒްރޭލުން ޤަބޫލުކުރެއެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފަށައި، އެ އަސީރުން މިނިވަންކުރުމުގެ ބަދަލުގައި އިޒްރޭލުން ބޭނުންވަނީ ގަދަބާރުން އެކަން ކުރާށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް އަލުން ދޭން ފެށި ޢުދުވާނުތަކުގައި މިހާތަނަށް 1،330 މީހަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ދިފާޢީ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު