ENGLISH
26 ނޮވެމްބަރު 2024
އެންމެ މަޤްބޫލު
އެންމެ ފަގީރު އާބާދީގެ 20 ޕަސެންޓަށް ސަބްސިޑީގެ ގޮތުގައި މަހަކު 2،450ރ. ޖަމާކޮށްދޭން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ސަބްސިޑީ ދޭ އާ ސިޔާސަތު އެކުލަވާލާނީ އެންމެ ފަގީރު އާބާދީއަށް އެކަމުގެ ފައިދާ ލިބޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޖެޓުގެ ތަފްސީލީ ރިޕޯޓުގައި ބާޔާންކޮށްފައިވެއެވެ. އަދި ސަބްސިޑީ ޓާގެޓުކޮށް، 900 މިލިއަން ރުފިޔާ، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އެންމެންނަށް ހަމަހަމަކޮށް މިހާރު ސަބްސިޑީ ދެމުން އަންނައިރު އެކަމުގެ އެންމެ ބޮޑު ފައިދާއެއް ވަނީ މުއްސަނދިންނަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަބްސިޑީގެ 43 ޕަސެންޓު ބެހިފައިވަނީ އެންމެ މުއްސަނދި އާބާދީގެ 40 ޕަސެންޓަށެވެ. އެންމެ ފަގީރު އާބާދީގެ 20 ޕަސެންޓު ހިއްސާވަނީ ދައުލަތުން ދޭ ސަބްސިޑީގެ އެންމެ 17 ޕަސެންޓެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަބްސިޑީއަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށާނެއެވެ.
ސަބްސިޑީއަށް ގެންނަ އާ ބަދަލުތަކާއެކު ރާއްޖޭގެ އާބާދީގެ އެންމެ ފަގީރު 20 ޕަސެންޓް ގޭބީސީތަކުގެ މަހެއްގެ ހަރަދަށް 1،770ރ. އިތުރުވާނެ ކަމަށް ލަފާ ކުރެވޭކަމަށާ އަދި މިހާރު ރާވާފައިވާ ގޮތުން އެ އަދަދަށް ވުރެ އިތުރަށް ޓާގެޓު ސަބްސިޑީގެ ގޮތުގައި އެ ގޭބީސީތަކަށް ސަރުކާރުން ފައިސާ ޖަމާކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެންމެ ފަގީރު ގޭބީސީތަކަށް 2،450ރ. މަހަކު ޖަމާކޮށްދޭން ފެށުމުން އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓަށް ސަބްސިޑީގެ އެހީ ލިބޭނެކަމަށް ލަފާކުރެވެއެވެ. ވަކިވަކި ގޭބީސީތަކަށް ޖަމާކުރާ ސަބްސިޑީގެ އަދަދު ކަނޑައަޅަނީ، އެ ގޭބީސީއެއްގެ އާމްދަނީ އިވެލުއޭޓް ކުރުމަށް ފަހުއެވެ.
އާ ސަބްސިޑީގެ ނިޒާމުގެ ބޭނުމަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދިނުން ކަމަށާއި އެ ފަރާތްތަކަށް ސީދާ ގޮތުން ފައިދާވާނެ ކަމަށް ފިނޭންސުން ފާހަގަކުރިއެވެ.
ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ސަރުކާރުން ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރާ އިރު، އެކަން އެންމެ ފުރަތަމަ ފަށަނީ ހަތަރު ސަބްސިޑީއަކުންނެވެ.
ޑައިރެކްޓް ޓްރާންސްފާ ކުރަނީ:
- ކާޑު
- ތެޔޮ
- ކަރަންޓު
- ނަރުދަމާ
އާ ނިޒާމުގެ ތެރެއިން ސަބްސިޑީ އަށް އެދި ހުށަހަޅަން ޖެހޭނީ އަމިއްލައަށެވެ. އެ ކަންކަން ކުރާނީ، ކައުންސިލްތަކާއި ގުޅިގެން ފަސޭހަ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.