ENGLISH
10 މޭ 2025
އެވަޓަން އަށް ދިން ޕެނަލްޓީއާ މެދު އާޓޭޓާ ނުރުހުން ފާޅުކޮށްފި
06 އޭޕްރީލު 2025
|
އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު، އާޓޭޓާ (ވ) މެޗު އޮފިޝަލުންއާ ވާހަކަދައްކަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ 1-1 އިން އެއްވަރުވި މެޗުގައި ޕެނަލްޓީ ދޭން ނިންމި ނިންމުމާ ގުޅިގެން އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ ނުރުހުން ފާޅުކޮށްފިއެވެ.
ގުޑިސާން ޕާކްގައި ރޭ ކުޅުނު މެޗުގައި ލެއަންޑްރޯ ޓްރޮސާޑްގެ ގޯލުން އާސެނަލް ލީޑު ނަގާފައިވަނިކޮށް، ފަހު ހާފުގެ ކުރީކޮޅު މައިލްސް ލުވިސް-ސްކެލީ ޕެނަލްޓީ އޭރިޔާތެރެއިން ކުރި ފައުލަކާ ގުޅިގެން އެވަޓަން އަށް ލިބުނު ޕެނަލްޓީއަކުން އެއްވަރުކޮށްދިނީ އިލިމަން އެންޖެއޭ އެވެ.
މިއީ މި ސީޒަނުގެ ކުރީކޮޅު، އެވަޓަންގެ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ ހާދިސާއަކާ އެއްގޮތް ކަމަކަށްވާތީ، މެޗުގެ ރެފްރީ ޕެނަލްޓީ ދޭން ނިންމި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެފަހަރު ޕެނަލްޓީ ނުދޭން ނިންމީ އޭޝްލީ ޔަންގް ޕެނަލްޓީ އޭރިޔާ ތެރެއަށް މާފަސޭހައިން ވެއްޓުމުން ކަމަށް ނިންމައިގެންނެވެ.
"އަހަރެންނަށް ފެންނަ ގޮތުގައި އެއީ ޕެނަލްޓީއެއް ނޫން،" އާޓޭޓާ ބުންޏެވެ.
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އެވަޓަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ނަތީޖާއާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށާއި، އަދި އެވަޓަންގެ ދަނޑަކީ ޒަމާނުއްސުރެ ނަތީޖާ ނެރެން އުނދަގޫ ތަނެއްގެ ގޮތުގައި އާޓޭޓާ ފާހަގަކުރިއެވެ.
އެވަޓަން ކުޅޭ ފިޒިކަލް އަދި ޑައިރެކްޓް ކުޅުމުގެ ސްޓައިލްގެ ސަބަބުން އެކަމާ ރަނގަޅަށް ސަމާލުނުވެއްޖެނަމަ އުނދަގޫތައް ކުރިމަތިވާނެ ކަމަށް ވެސް އާޓޭޓާ ބުންޏެވެ.
އާޓޭޓާ ބުނީ، އޭނާގެ ޓީމުން މެޗު ކޮންޓްރޯލްކޮށް، ލަނޑުޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރިނަމަވެސް، ފަހު ހާފުގެ ފެށުން ދިޔައީ ގޯސްކޮށް ކަމަށެވެ. އޭނާގެ ކުޅުންތެރިން މާފަސޭހައިން ބޯޅަ ގެއްލުވާލައި، ދެން ކަން ކުރަންވީ ކިހިނެއްކަން ނޭނގޭ ހާލަތުގައި ތިބި ކަމަށް ވެސް އާޓޭޓާ ބުންޏެވެ.
"އަހަރެމެންނަށް ރަނގަޅު ފުރުޞަތުތަކެއް ލިބުނު. އެކަމަކު ނިންމާނުލެވުނު. އެމީހުން [އެވަޓަން] އަށް ޕެނަލްޓީ ފިޔަވައި އެއްވެސް ފުރުޞަތެއް ތަނަވަސްކުރެވިފައެއް ނުވޭ،" އާޓޭޓާ ބުންޏެވެ.
އާސެނަލްއާ އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އާޓޭޓާ ބުނީ، ލީގުގެ ޗެމްޕިއަންކަން ހޯދަން ބޭނުންވާނަމަ ގިނަ މެޗުތަކެއް ކާމިޔާބުކުރަން ޖެހޭ ކަމަށާއި، ޚާއްސަކޮށް ލިވަޕޫލް ފަދަ ކުލަބަކުން އެކަން ގަވާއިދުން ކުރަމުންދާނަމަ އެ ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.
އާޓޭޓާ އަދި ބުނީ، ބައެއް ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދެވުނުއިރު، ދެން ތިބި ކުޅުންތެރިންނަށް [ކުރިއަށް އޮތް މެޗަށް] އަރާމުކުރަން ވަގުތު ދީފައިވާ ކަމަށެވެ. އެކަމަކު، މެޗުން ތިން ޕޮއިންޓް ބޭނުންވި ނަމަވެސް އެކަން ހާސިލްނުކުރެވުނު ކަމަށް އާޓޭޓާ ބުންޏެވެ.
އާސެނަލަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.