ENGLISH
07 އޭޕްރީލު 2025
ޣައްޒާގެ 15 ސިއްޙީ ޚިދުމަތްތެރިން ޝަހީދުކޮށްލުމުގައި ހެދި ދޮގުތައް ފަޅާއެރުމުން، ގޯސް ހެދުނު ކަމަށް އިޒްރޭލުން އެއްބަސްވެއްޖެ
06 އޭޕްރީލު 2025
|
ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ މަދަނީ އަދި ސިއްޙީ ހިދުމަތްތެރިންތަކެއް ދަތުރުކުރި ވެހިކަލްތަކަށް ރަހުމްކުޑަ ޙަމަލާތަކެއް ދިނުމުގައި ގޯސްތަކެއް ހެދުނުކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު، ރަފާޙް ކައިރިން އިޒްރޭލުން ޙަމަލާދީ، ޝަހީދު ކޮށްލާފައިވާ 15 ޚިދުމަތްތެރިންގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓާއި، ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ އަދި އދ.ގެ މުވައްޒަފުންނެވެ.
އެ ޙަމަލާ މުޅި ދުނިޔެއިން ކުށްވެރިކުރަން ފެށުމުން، އިޒްރޭލުން ވަނީ އެކަން ހިނގި ގޮތް އޮޅުވައިލަން މަސައްކަތްކޮށްފައެވެ. މިގޮތުން، ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ތިބި ވެހިކަލެއް ކައިރިއަށް ސިއްޙީ ޚިދުމަތްތެރިން ތިބި އެމްބިޔުލަންސް އާއި ވެހިކަލްތައް ގާތްކުރީ، ޝައްކު ކުރެވޭ ގޮތަށް ހެޑްލައިޓް ވެސް ނިއްވާލައިގެން ކަމަށް އިޒްރޭލުން ފުރަތަމަ ބުންޏެވެ.
ނަމަވެސް، ޝަހީދުކޮށްލި ސިއްޚީ ޚިދުމަތްތެރިއެއްގެ ފޯނުން ނަގާފައިވާ ވީޑިޔޯއިން ފެންނަ ގޮތުގައި، ވެހިކަލްތަކުގެ ހެޑްލައިޓްވެސް ނިއްވާލާފައިނުވާއިރު، ހުރިހާ އެންމެން ވެސް ތިބީ މަދަނީ ޚިދުމަތްތެރިންގެ ޔުނިފޯމް ލައިގެންނެވެ.
އެ މީހުން ޝަހީދުކޮށްލުމަށްފަހު، އިޒްރޭލު ސިފައިން ވަނީ އެކަން ފޮރުވުމަށް، އެ މީހުންގެ ހަށިތައް ފަސް އަޅައި ފޮރުވައިފައެވެ.
އެ 15 މީހުންގެ ހަށިތައް ފެނިފައިވަނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އިޒްރޭލުގެ ރަހުމްކުޑަ ޢަމަލުތައް ރެކޯޑުކުރި ފޯނު ވެސް ފެނިފައިވަނީ، އެ ހަށިތަކާއެކު ވަޅުލާފައި އޮއްވައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދޭން ފެށި ލާއިންސަނީ ޢުދުވާނުތަކުގައި، ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ އަދަދު 1,060 އަށް އުފުލިފައިވާ ކަމުގައި އދ.އިން ވަނީ ބުނެފައެވެ. މި ކަމާ ގުޅިގެން، އދ.އިން ވަނީ ޣައްޒާގައި އިންސާނިއްޔަތަށްޓަކައި ހަރަކާތްތެރިވަމުންދާ މުވައްޒަފުންގެ އަދަދު މަދު ކުރަން ނިންމާފައެވެ.