ENGLISH

07 އޭޕްރީލު 2025

Advertisement

މޯދީގެ ދަތުރުފުޅުގައި، ހަކަތަ އާއި ދިފާޢީ ގުޅުން ފުޅާކުރަން އިންޑިޔާ އާއި ލަންކާ އެއްބަސްވެއްޖެ

06 އޭޕްރީލު 2025

|

ހަސަން އާމިރު

ބޮޑުވަޒީރު މޯދީ (ވ) އާއި ރައީސް ޑިސަނައިކަ ސަލާމް ކުރައްވަނީ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަވައްޓެރި ސްރީ ލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހަކަތާ އާއި ދިފާޢީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނައިކަ ވަނީ ލަންކާގެ އެންމެ މަތީ ޝަރަފު މޯދީއަށް އަރުވައިފައެވެ.

އެ ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޑިޔާ އާއި ލަންކާއިން އޮތީ ގުޅިފައިވާ މަސްލަޙަތެއް ކަމަށެވެ.

މި ދަތުރުފުޅުގައި ދިފާޢީ ރޮނގުން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ލަންކާއަށް އަސްކަރީ ތަމްރީން ދިނުމާއި ދެ ޤައުމުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.

ޑިސަނައިކަ ވިދާޅުވި ގޮތުގައި، މި ސަރަޙައްދުގެ އިތުރުން އިންޑިޔާއަކީ މުޅި ދުނިޔޭގައި ވެސް ފުޅާވަމުން އަންނަ ބާރެކެވެ.

އަދި އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަން ހީނަރުވާ ގޮތަށް ލަންކާގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު އިތުރު އެއްވެސް ޤައުމަކަށް ނުދޭނެކަމުގެ ޔަޤީންކަން ޑިސަނައިކަ ވަނީ ދެއްވައިފައެވެ.

ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ ހަކަތަ އުފެއްދުމާ ގުޅޭ މަޝްރޫޢުއެއް ވެސް އިފްތިތާހު ކޮށްދެއްވައިފައެވެ. ސަތޭކަ މިލިޔަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢުއަކީ ސޭލޮން އިލެކްޓްރިސިޓީ ބޯޑާއި އިންޑިޔާގެ ތާމަލް ޕަވަރ ކޯޕުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު