ENGLISH

10 މޭ 2025

Advertisement

ރެއާލް ބަލިވުމުގެ ފައިދާ ބާސެލޯނާ އަށް ނުނެގުނު

06 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާއާ ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވުމުގެ ފައިދާ ނުނެގި، ރެއާލް ބެޓިސް އާއި ބާސެލޯނާ އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ވެލެންސިއާ އަތުން ރެއާލް ބަލިވީ 2-1 އިންނެވެ. ބާސެލޯނާގެ ދަނޑުގައި އެ ޓީމު ވަނީ 1-1 އިން ބެޓިސްއާ އެއްވަރުވެފައެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗުގެ ކުރީކޮޅު، ރެއާލަށް ލީޑު ނަގައިދޭން ލިބުނު ރަނުގެ ފުރުޞަތެއް ވިނީޝިއުސް ޖޫނިއާ ވަނީ ނަގާލައިފައެވެ. ވިނީޝިއުސް ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފައެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް، ވެލެންސިއާ އިން ލީޑު ނެގީ މުކްތާރް ޑިއަކާބީގެ ގޯލުންނެވެ. ފުރަތަމަ ހާފު ނިންމާލީ 1-0 އިން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރެއާލަށް އެއްވަރުކޮށްދިނީ ވިނީޝިއުސް އެވެ.

ރެއާލްގެ ވިނީޝިއުސް އަތުން ޕެނަލްޓީ ނާކާމިޔާބުވުމުން، މާޔޫސްވެފަ. --ފޮޓޯ: ރޮއިޓާސް

މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާ މޮޅުކޮށްދިނީ ހޫގޯ ޑޫރޯ އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ގަވީގެ ލަނޑުން ބާސެލޯނާ ލީޑުނެގިއިރު، އޭގެ ދިހަ މިނެޓުފަހުން، ނަތާންގެ ގޯލުން ބެޓިސް ވަނީ އެއްވަރުކޮށްފައެވެ.

ރޭގެ ނަތީޖާއަށްފަހު، ބާސެލޯނާ އެއްވަނައިގައި އުޅެނީ 30 މެޗުން 67 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 57 ޕޮއިންޓާއެކު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މަޔޯކާގެ ދަނޑުގައި 1-2 އިން ސެލްޓާ ވީގޯ ވަނީ މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު