ENGLISH
07 އޭޕްރީލު 2025
ޕީއެސްޖީން ލީގު ކާމިޔާބުކޮށްފި، އަމާޒަކީ މެޗަކުން ބަލިނުވެ ނިންމާލުން
06 އޭޕްރީލު 2025
|
ޕީއެސްޖީގެ ކޯޗު، އެންރީކޭ. --ފޮޓޯ: ގެޓީ އިމޭޖަސް
ބާކީ ހަ މެޗު އޮއްވާ، ފްރެންޗް ލީގު ކާމިޔާބުކުރުމަށްފަހު ޕީއެސްޖީގެ އަމާޒަކީ މެޗަކުން ބަލިނުވެ ނިންމާލުން ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ މިހެން ބުނީ، އޭންޖާސް އަތުން މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޕާކް ޑެ ޕްރިންސަސްގައި ކުޅުނު މެޗުން 1-0 އިން އޭންޖާސް އަތުން މޮޅުވެ، ޕީއެސްޖީ ވަނީ ލީގުގެ އެއްވަނައިގައި 24 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިއާއެކު، އެ ޓީމުން ވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް، މުޅިއެކު 13 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފައެވެ.
އެންރީކޭ ބުނީ، އޭޕްރީލް މަހުގެ ކުރީކޮޅު ޕީއެސްޖީން ލީގު ކާމިޔާބުކުރުމުން އެ ޓީމު މިހާރު އޮތް ލެވެލް ދައްކުވައިދޭ ކަމަށެވެ.
ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
"އަހަރެމެން ބޭނުމީ މެޗަކުން ބަލިނުވެ ސީޒަން ނިންމާލުން. މިއީ މިހާތަނަށް ފްރާންސްގައި އެއްވެސް ކުލަބަކަށް ކުރެވިފައިވާ ކަމެއް ނޫން. މީގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރެންޗް ކަޕުގައި އަހަރެމެންނަށް ފައިދާކުރާނެ،" އެންރީކޭ ބުންޏެވެ.
އެންރީކޭ ވަނީ، ޕީއެސްޖީގައި މި ވަގުތު ތިބި ހުނަރުވެރި، ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިންނާއެކު މަސައްކަތްކުރެވޭތީވެ އޭނާ އަކީ ވަރަށް ނަސީބު ރަނގަޅު މީހެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށާއި، އެޓޭކުގެ އިތުރުން ޑިފެންސްގައި ވެސް އެ ހުރިހާ ކުޅުންތެރިންގެ ބައިވެރިވުން ފެނިގެންދާ ކަމަށް ބުނެފައެވެ.
"އެޓޭކުގައްޔާއި ޑިފެންސްކުރާއިރު 11 ކުޅުންތެރިންގެ ބައިވެރިވުން މިވަނީ ހަގީގަތަކަށްވަނީ ވެފައި. މިއީ އެންމެ ކުރިއްސުރެ އަހަރެން ބޭނުންވާ ގޮތް. ސަޕޯޓަރުންނަށް ވެސް މިގޮތް ވަރަށް ކަމުދޭ،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ، ސީޒަނުގައި ބާކީ ދެ މަސް ދުވަސް އެބައޮތް ކަމަށާއި، މި ވަގުތު އޭނާގެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި، ޕީއެސްޖީގެ އަމާޒަކީ ރަނގަޅު ވާދައެއްކޮށް ޗެމްޕިއަންސް ލީގުގައި ވީއެންމެ ދުރަކަށް ދިއުން ކަމަށް ވެސް ނިންމާލަމުން އެންރީކޭ ބުންޏެވެ.