ENGLISH

10 މޭ 2025

Advertisement

ސާފްގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް ބާއްވައިފި

05 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ސާފްގެ ކޮންގްރެސްގެ ބައިވެރިން އޭއެފްސީގެ ރައީސްއާއެކު. --ފޮޓޯ: ސާފް

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ (ސާފް) ގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް ބާއްވައިފިއެވެ.

ސްރީ ލަންކާގެ ކޮލަމްބޯގައި އިއްޔެ ބޭއްވި އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި އެޖެންޑާ ކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދަށް ބަދަލު ގެނައުން ހިމެނެއެވެ.

އެގޮތުން، ސާފްގެ ރައީސްގެ މަގާމަށް އުމުރުން 70 އަހަރު ވިޔަސް ކުރިމަތިލެވޭ ގޮތަށް އޮތް ގަވާއިދު ބަދަލުކޮށްފައިވާއިރު، މީގެކުރީން 2022 ވަނަ އަހަރު ވަނީ ރައީސްގެ މަގާމު އެކަކަށް ފުރޭނީ ގިނަވެގެން ތިން ދައުރު ކަމަށް ބުނެ އިސްލާހުކުރި މާއްދާއެއް ވެސް އުވާލައިފައެވެ.

މިކަން ކުރީ އެ ޖަމްޢިއްޔާގެ މިހާރުގެ ރައީސް، ބަންގްލަދޭޝްގެ ޣާޒީ ސަލާހުއްދީނަށް އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުންނެވެ. ހަތަރު އަހަރު ދުވަހަށް އޭނާ އަލުން ރައީސް ކަމަށް ހޮވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި ދިވެހިރާއްޖޭގައި ބޭއްވި ޖަލްސާގައެވެ. ސަލާހުއްދީންގެ މިހާރުގެ އުމުރަކީ 70 އަހަރެވެ.

އޭއެފްސީގެ ރައީސް، ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ސާފް

މި ކޮންގްރެސްގައި އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، އޭއެފްސީގެ ރައީސް، ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ޝަރަފުވެރިކޮށްދެއްވިއިރު، އޭނާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ސަރަހައްދީ ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އެންމެ މުހިއްމު ކަމަކީ އެކުވެރިކަމާއި ބަދަހި ހަރުދަނާ ލީޑަރޝިޕެއް އޮތުން ކަމަށާއި، އެންމެން އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

"ފުޓްބޯޅަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ވަރުގަދަ އަދި ދެމެހެއްޓެނިވި ލީޑަރޝިޕެއް އޮތުން ވަރަށް މުހިއްމު. އަދި މި ކޮންގްރެސްއިން މި ސަރަޙައްދުގައި ކުޅިވަރުގެ މުސްތަޤުބަލަށް އެންމެ ފައިދާހުރި ނިންމުންތައް ނިންމާނެކަމަށް އަހަރެން ޔަޤީންކުރަން،" އޭއެފްސީގެ ރައީސް ވިދާޅުވިއެވެ.

ސާފްގެ ރައީސް، ސަލާހުއްދީން ވަނީ، އޭއެފްސީގެ ރައީސަށާއި، ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ޖަސްވަރު އުމަރުގެ އިތުރުން ބައިވެރިވި މެންބަރު އެސޯސިއޭޝަންތަކަށް، ސަރަހައްދީ ޤައުމުތަކުގެ ކުޅިވަރު ކުރިއެރުވުމަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ބޭއްވި ސާފްގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގެ ތެރެއިން. --ފޮޓޯ: ސާފް

އޭނާގެ ވިސްނުމަކީ، އޭޝިއާގެ އެހެން ޤައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށްޓަކައި، މިއަދުގެ ކުޑަކުދިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

އަދި، ސާފް އިން ކުރިމަގުގައި އިތުރު މުބާރާތްތައް ބާއްވައި، މި ސަރަހައްދުގެ ފުޓްބޯޅަ ރަނގަޅަށް ހިންގުމަށް މަސައްކަތްކޮށް، މިހާރުގެ ކުދީންނަށް އިތުރަށް ވާދަވެރިވެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސާފްގެ ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް، އަހުމަދު މުޢިއްޒު އާއި ޖެނެރަލް ސެކެޓްރީ ޝުޖާޢުގެ އިތުރުން އެފްއޭއެމްގެ ނައިބު ރައީސްކަން ކުރީން ކުރެއްވި، ސާފްގެ މިހާރުގެ ނައިބު ރައީސް އަލީ އުމަރެވެ.

ކިޔުންތެރިންގެ ހިޔާލު