ENGLISH
10 އޭޕްރީލު 2025
ދެކުނު ކޮރެޔާގެ ރައީސް ޔޫން އަޒުލުކުރި ނިންމުން ކޯޓުން ދެމެހެއްޓުމުން މަޤާމު ގެއްލިއްޖެ
04 އޭޕްރީލު 2025
|
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިޢުލާނު ކުރެއްވި މައްސަލާގައި، ރައީސް ޔޫން ސުކް ޔެއޯލް އަޒުލުކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށް ކޯޓުން ތާޢީދުކުރުމުން، ރައީސްކަމުގެ މަޤާމު ޔޫންއަށް ގެއްލިއްޖެއެވެ.
ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އެ މަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސްކަމުން އަޒުލުކުރިޔަސް، އެކަމާ މެދު ފަހު ބަސް ބުނާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ.
އެތައް މަހަކަށް ދިގުދެމިގެންދިޔަ އަޑުއެހުންތަކަށްފަހު، ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނީ، ކުއްލި ޙާލަތު އިޢުލާނުކުރުމުގައި ޔޫން ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.
މި ހުކުމާ ގުޅިގެން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިޚާބު ކުރުމަށްޓަކައި، އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
ހުކުމް އިއްވުމާ ދިމާކޮށް، ޔޫންއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ. އަދި އޭގެ އަނެއްކޮޅުން، އިދިކޮޅު ސަޕޯޓަރުން ވެސް އެއްވެފައިވާއިރު، ޔޫންއާ ދެކޮޅަށް ކޯޓުން ހުކުމް ކުރުމާއެކު، އެތައް ހާސް ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ.
ހަމަނުޖެހުމެއް ހިނގައިފާނެކަމުގެ ބިރަށް، ސަލާމަތީ ބާރުތަކުން ވަނީ ސެކިޔުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފައެވެ.
މިއީ ދެކުނު ކޮރެޔާގެ ތާރީޚުގައި ރައީސަކު އަޒުލުކުރި ދެވަނަ ފަހަރެވެ.
މަޤާމުން ދުރުކުރުމުގެ އިތުރުން، ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ޔޫންގެ މައްޗަށް ފިތުނަ އާއި ހަމަނުޖެހުން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ދަޢުވާ ވަނީ އުފުލައިފައެވެ.
ދެކުނު ކޮރެޔާގައި ފިތުނަ އުފެއްދުމަކީ މަރުގެ އަދަބު ކަނޑައެޅޭނެ ޖިނާޢީ ކުށެކެވެ.