ENGLISH

10 އޭޕްރީލު 2025

Advertisement

އެމްއެޗް370 ހޯދުމުގެ މަސައްކަތް މަޑުޖައްސާލައިފި

04 އޭޕްރީލު 2025

|

ހަސަން އާމިރު

މީގެ 10 އަހަރު ކުރިން ގެއްލުނު މެލޭޝިޔަން އެއަރލައިންސްގެ މަތިންދާބޯޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިޔާގެ ސަރުކާރުން ހުއްދަ ދީފައިވާއިރު، އެ މަސައްކަތް މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެެވެ.

މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންގަށް 239 ފަސިންޖަރުންނާއެކު ދަތުރުކުރި މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް370 އަށް ވީނުވީއެއް ނޭނގި ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އެ ބޯޓު ހޯދުމަށްޓަކައި، އެތައް ޤައުމެއް ބައިވެރިވެގެން ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނަށް ފަހު ވެސް އެ ބޯޓު ފެނިފައެއް ނުވެއެވެ.

އެ ބޯޓު ހޯދުމުގެ އާ އޮޕަރޭޝަނެއް ފެށުމަށް މެރިޓައިމް އެކްސްޕްލޯރޭޝަން ކުންފުނި އޯޝަން އިންފިނިޓީ އާ ހަވާލުކުރަން ނިންމައި، އެކަމުގެ ހުއްދަ މެލޭޝިޔާގެ ވަޒީރުންގެ މަޖިލީހުން ދިނީ މިދިޔަ މަހުގެ ތެރޭގައެވެ.

މެލޭޝިޔާގެ ޓްރާންސްޕޯރޓް މިނިސްޓަރ އެންތަނީ ލޯކޭ ވިދާޅުވީ، މިއީ "މޫސުން ނޫންކަމުން" އެ އޮޕަރޭޝަން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

"ބޯޓު ހޯދުމުގެ މަސައްކަތް މިވަގުތަށް ވަނީ މަޑުޖައްސާލެވިފައި. އެ މަސައްކަތް އަލުން ފަށާނީ މި އަހަރުގެ ފަހުކޮޅު. މިހާރު މިއީ މޫސުމެއް ނޫން،" ލޯކޭ ވިދާޅުވިއެވެ.

އަލަށް ފަށައި އޮޕަރޭޝަންގައި، އިންޑިއާ ކަނޑުގެ ދެކުނުގެ 15،000 އަކަކިލޯމީޓަރުގެ އާ ސަރަޙައްދެއް އޯޝަން އިންފިނިޓީ ކުންފުނިން ބަލާނެ ކަމަށް ބުނެފައިވެއެވެ.

އެ ކުންފުންނިން 2018 ވަނަ އަހަރުގެ ތެރޭގައި ވެސް ވަނީ އެ ބޯޓު ހޯދުމުގެ އޮޕަރޭޝަނެއް ހިންގައިފައެވެ.

މި އެއްބަސްވުމުގެ ދަށުން 70 މިލިއަން ޑޮލަރު އޯޝަން އިންފިނިޓީއަށް ދޭންޖެހޭނީ ބޯޓު ފެނިއްޖެނަމަ ކަމަށް ލޯކޭ ވަނީ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު