ENGLISH
10 އޭޕްރީލު 2025
ފަލަސްތީނުގެ ރައްޔިތުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޣައްޒާގެ ތިން ސްކޫލަކަށް އިޒްރޭލުން ޙަމަލާދީ 33 މީހަކު ޝަހީދުކޮށްލައިފި
04 އޭޕްރީލު 2025
|
އިޒްރޭލު ސިފައިން ހުއްޓުމެއް ނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި ގެދޮރު ގެއްލިފައިތިބި އެތައް ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ތިން ސްކޫލަކަށް ޙަމަލާދީ، 33 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ތުއްފާޙް ސަރަޙައްދުގައި ހުރި ތިން ސްކޫލަކަށް ދިން ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 18 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ރަސްމީ މީޑިޔާ އޮފީހުން ބުންޏެވެ.
މި ޙަމަލާތަކުގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިތުރު ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މި މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
އޭގެފަހުން އިޒްރޭލުގެ އަނިޔާވެރިކަން ވަނީ އެތައް ދަރަޖައަކަށް މަތިކޮށްފައެވެ. އިޒްރޭލުން މިހާރު ދަނީ ހޮސްޕިޓަލުތަކާއި ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ވަގުތީ ހިޔާތަކަށް ވެސް ގަސްދުގައި ޙަމަލާތައް ދެމުންނެވެ.
ޣައްޒާއަށް އަލުން ޙަމަލާތައް ދޭން ފެށި ފަހުން، މިވީ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1،160 އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން ވަނީ އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ރައްޔިތުން ފައްސާލައި، އެކި ސަރަޙައްދުތައް އިސްތިޢުމާރު ކުރަމުންނެވެ.
މިގޮތުން، ރަފަޙް ސިޓީ ދޫކޮށްދިޔުމަށް އެންގުމަށްފަހު، އިޒްރޭލު ސިފައިން މިހާރު ވަނީ އެ ސިޓީއަށް ވެސް ވަދެގެންފައެވެ.
ރަފަޙަކީ ޣައްޒާގެ އެކި ސަރަޙައްދުތަގައި ތިބި މީހުން އެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް މަޖުބޫރުވުމުން ރައްކާތެރިކަން ހޯދުމަށް އެ ތަނަކަށް އެތައް ހާސް ބަޔަކު ޖަމާވަމުން ދިޔަ ތަނެކެެވެ.
އެހެންކަމުން، ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރާ ފަލަސްތީނުގެ އެތައް ހާސް ނިކަމެތި ރައްޔިތުން ހިމާޔަތް ހޯދަން ދާނެ އިތުރު ސަރަޙައްދެއް ނެތް ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ.