ENGLISH
10 އޭޕްރީލު 2025
ހަތުރެއް މިތުރެއް ނުބަލައި އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކޮށްފި، ދުނިޔެ އިޤްތިޞާދީ ހަނގުރާމައަކާ ދިމާއަށް
03 އޭޕްރީލު 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.
އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރި ނިންމުން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިޢުލާނުކުރައްވައިފިއެވެ.
އެމެރިކާގެ އިޤްތިޞާދުގެ މިނިވަން ދުވަހުގެ ގޮތުގައި ސިފަކުރައްވައި، ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، އެމެރިކާގެ އެންމެ ވާދަވެރި ޗައިނާއަށް 34 ޕަސެންޓު، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް 20 ޕަސެންޓު އަދި ޖަޕާނުން އެތެރެކުރާ މުދަލުން 24 ޕަސެންޓުން ވަނީ ޑިޔުޓީ ބޮޑުކޮށްފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ޑިޔުޓީގެ އިންސައްތަ އެންމެ ބޮޑުކޮށްފައިވަނީ، އެމެރިކާއަށް އެންމެ އިހާނެތިކޮށް ހަދާ ޤައުމުތަކަށެވެ.
މި ނިންމުން ނިންމުމުގައި އެމެރިކާ އާ އެންމެ ރަހުމަތްތެރި އަދި ގުޅުން ރަނގަޅު ޤައުމުތަކަށް ވެސް ލުޔެއް ދީފައެއް ނުވެއެވެ.
ބާކީ ތިބި ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ޓްރަމްޕްގެ މި ނިންމެވުމަކީ ވަރަށް ބޭއިންސާފު ނިންމުމެއްގެ ގޮތުގައި ސިފަކޮށް، ރައްދުގައި އެމެރިކާއިން އެ ޤައުމުތަކަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ވެސް ބޮޑުކުރާނެ ކަމަށް ގިނަ ޤައުމުތަކުން ދަނީ އިންޒާރު ދެމުންނެވެ.
މިކަމުގެ ސަބަބުން، ދުނިޔޭގެ ވިޔަފާރިއަށް ބުރޫ އަރައި، އިޤްތިޞާދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު މިހާރު ވަރަށް ބޮޑުކަމަށް ދުނިޔޭގެ އިޤްތިޞާދީ ގިނަ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަމަވެސް، ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި، އެމެރިކާގެ ވިޔަފާރިތައް ހިމާޔަތްކުރަން، އެހެން ޤައުމުތަކުން އެމެރިކާގެ މުދަލުން ނަގާ ޑިޔުޓީއާ އެއް މިންވަރަށް އެމެރިކާއަށް އެތެރެކުރާ މުދަލުން ވެސް ޑިޔުޓީ ނަގަންޖެހެއެވެ.
އެމެރިކާގެ ވިޔަފާރިތަކަށް ހަމަހަމަ ފުރުޞަތެއް ލިބޭނީ އެފަދަ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.