ENGLISH
10 އޭޕްރީލު 2025
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ތަންފީޒުނުކުރަން، އައިސީސީން ހަންގެރީ ވަކިވެއްޖެ
03 އޭޕްރީލު 2025
|
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން ނެރެފައިވާ އަމުރު ތަންފީޒު ނުކުރަން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހަންގެރީ ވަކިވެފައިވާކަން އެ ޤައުމުގެ ރައީސް ވިކްޓޯ އޯބާން އިޢުލާނުކުރައްވައިފިއެވެ.
ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ހަރުކަށި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުުކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އޭގެ އެއް ދުވަސް ފަހުން، ހަންގެރީއަށް ރަސްމީ ދަތުރެއް ކުރުމުގެ ދަޢުވަތު ނަތަންޔާހޫއަށް އޯބާން ދެއްވީ، އައިސީސީގެ އަމުރު ތަންފީޒު ނުކުރައްވާނެ ކަމަށް ވިދާޅުވެއެވެ.
އެ ދަޢުވަތު ޤަބޫލުކޮށް، ނަތަންޔާހޫ ހަންގެރީއަށް ދިޔުމަށް ދަތުރު ފަށާފައިވަނިކޮށް، އައިސީސީން ވަކިވެފައިވާ ކަމަށް އޯބާން ވަނީ އިޢުލާނުކުރައްވައިފައެވެ.
އަދި އެ ނިންމުމުގައި ރަސްމީ ސިފަ ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އޯބާންގެ އޮފީހުން ފަހުން ބުންޏެވެ.
އައިސީސީ ފަދަ އދ.ގެ ޖަމްޢިއްޔާތަކުން ވަކިވުމުގެ މަރުޙަލާ ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން އަހަރެއްހާ ދުވަސް ނަގައެވެ.
އައިސީސީގެ ފަނޑިޔާރުން ބުނެފައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރުނު މީހުންނަކީ ހަމާސް-އިޒްރޭލް ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ކަމަށެވެ.
އައިސީސީގައި 124 މެންބަރު ގައުމު ހިމެނޭއިރު މިއިން ގައުމަކަށް ނަތަންޔާހޫ އާއި ގަލަންޓް ދަތުރުކޮށްފި ނަމަ ހައްޔަރުކުރުމުގެ ބާރު ލިބެއެވެ. ނަމަވެސް އިޒްރޭލާއި އެ ގައުމުގެ ބައިވެެރިޔާ އެމެރިކާ އަކީ އައިސީސީގެ މެންބަރުންނެއް ނޫނެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމާސްއާ އެކު ހަނގުރާމަ ކުރަން ފެށިފަހުން، ޔޫރަޕުގެ ޤައުމަތަކަށް ނަތަންޔާހޫ ކުރާ ފުރަތަމަ ދަތުރެވެ.