ENGLISH

02 އޭޕްރީލު 2025

Advertisement

ޔުނައިޓެޑް ދޫކޮށްލާފައި ފެނާންޑޭސް އަށް ނުދެވޭނެ: އަމޯރިމް

01 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑްގެ ކެޕްޓަން، ފެނާންޑޭސް. --ފޮޓޯ: ގެޓީ އިމޭޖަސް

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެ ޓީމު ދޫކޮށްލާފައި ނުދެވޭނެ ކަމަށް ކޯޗު، ރުބެން އަމޯރިމް ބުނެފިއެވެ.

އަމޯރިމް މިހެން ބުނީ، ލީގުގައި ނޮޓިންގހަމް ފޮރެސްޓާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އުމުރުން 30 އަހަރުގެ ފެނާންޑޭސް ވަނީ މިދިޔަ އޮގަސްޓް މަހު، ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޔުނައިޓެޑުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ފެނާންޑޭސްގެ ކުރިމަގާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދައްކާފައިމިވަނީ މީޑިއާގައި އޭނާއާ ރެއާލް މެޑްރިޑާ ގުޅުވާ ގިނަ ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ.

"ނޫން، އެއީ ވާނެ ކަމެއް ނޫން،" އަމޯރިމް ބުންޏެވެ.

އަމޯރިމް ބުނީ، ޔުނައިޓެޑުން ފެނާންޑޭސް ދޫކޮށްނުލާނެކަން ޔަގީންކަމާއެކު ބުނަން ކެރުނީ، އެ ވާހަކަތައް އޭނާގެ ގާތުގައި ދައްކާފައިވުމުން ކަމަށެވެ. މި ވާހަކަތައް ދެއްކިއިރު، އަމޯރިމްގެ މޫނުމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން އެއީ މަޖާޒީގޮތުން ދެއްކި ވާހަކަތަކެއް ކަމަށް ބެލެވެއެވެ.

މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑުން އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންއަންނަ ފެނާންޑޭސް ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެ ޓީމަށް 16 ގޯލް ޖަހައިދީފައެވެ. މީގެތެރެއިން، އެންމެ ފަހުގެ އިންޓަރނޭޝަނަލް ބްރޭކަށް ލީގުގެ ކުޅުން މެދުކަނޑާލި ހަފްތާގައި އޭނާ ވަނީ ފަސް ލަނޑު ޖަހައިފައެވެ. 

ލީގުގައި މި ވަގުތު އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑް އުޅެނީ 13 ވަނައިގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. 

ކިޔުންތެރިންގެ ހިޔާލު