ENGLISH
02 އޭޕްރީލު 2025
ކަލްކަތާ ބަލިކޮށް، މުމްބާއީގެ ފުރަތަމަ މޮޅު
01 އޭޕްރީލު 2025
|
މުމްބާއީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުގައި ކަލްކަތާ ނައިޓްރައިޑާސް ބަލިކޮށް، މުމްބާއީ އިންޑިއަންސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ރޭގެ މެޗަށް ނުކުތްއިރު މުމްބާއީ އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.
މި މެޗުން މުމްބާއީ މޮޅުވީ 8 ވިކެޓުންނެވެ.
މުމްބާއީގެ ވަންކެޑޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ކަލްކަތާ އިން ކުޅެން އަރައި، 16.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 116 ލަނޑަށެވެ.
ކަލްކަތާ އިން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 26 ލަނޑު ހެދި އަންގްކްރިޝް ރަގުވަންޝީ އާއި 22 ލަނޑުހެދި ރަމަންދީޕް ސިންގ އެވެ. މި އިނިންގްސްގައި މުމްބާއީގެ އުކުންތެރިޔާ، އަޝްވަނީ ކުމާރް ވަނީ ހަތަރު ވިކެޓް ނަގައިފައެވެ.
ރައްދުގައި ކުޅެން އަރައި، މުމްބާއީ އިން ވަނީ 12.5 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 121 ލަނޑު ހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 41 ބޯޅައިން 62 ލަނޑު ހެދި ރަޔާން ރިކްލްޓަން އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުމްބާއީގެ އަޝްވަނީ ކުމާރެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ލަކްނޯ ސުޕަ ޖަޔަންޓްސް ބައްދަލުކުރާނީ ޕަންޖާބް ކިންގްސްއާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.