ENGLISH
02 އޭޕްރީލު 2025
މިޔަންމާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އިން މައްޗަށް، މީހުން ސަލާމަތް ކުރަން ވަގުތު ކުޑަތަންވަނީ
01 އޭޕްރީލު 2025
|
އެންމެ މަޤްބޫލު
ދެކުނު އިރުމަތީ އޭޝިޔާގެ މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި، މިހާތަނަށް މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ މަތިވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް އެ މަސައްކަތުގައި އުޅޭ އިދާރާތަކުން ބުނެފިއެވެ.
މިޔަންމާގެ ސަގާއިންގް ސަހަރުގެ ހުޅަނގު އުތުރަށް ބިންހެލުން އައީ 7.7 މެގްނިޓިޔުޑްގެ ބާރުމިނުގައެވެ. އެ ބިންހެލުމުގެ 12 ވަރަކަށް މިނެޓުފަހުން، 6.4 މެގްނިޓިޔުޑްގެ ބާރުމިނުގައި އެ ސަރަޙައްދު ކައިރިއަށް އިތުރު ލޮޅުމެއް ވެސް ވަނީ އައިސްފައެވެ.
އެ ބިންހެލުމުގައި އެތަކެއް އިމާރާތެއް ވެއްޓި، މަގުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް، ބްރިޖުތައް ވެސް ވަނީ ވެއްޓިފައެވެ.
މިޔަންމާގައި ވެރިކަން ހިންގާ އަސްކަރީ ސަރުކާރުން ބުނީ، މި ކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު 2،056 އަށް އަރާފައިވާ ކަމަށެވެ. އަދި އިތުރު 3،900 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ، 1.7 މިލިއަން މީހުން ދިރިއުޅޭ މެންޑަލޭ އަށެވެ.
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، މީހުން ސަލާމަތް ކުރުމަށްޓަކައި ބައެއް ސަރަޙައްދުތަކަށް ދަތުރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ.
އަދި އެކަށީގެންވާ އާލާތްތައް ނެތުމުގެ ސަބަބުން، ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިތިބި މީހުން ހޯދައި، ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުގެންދެވޭ ކަމަށް އިދާރާތަކުން ބުންޏެވެ.
ޗައިނާ، އިންޑިޔާ، އެމެރިކާ ފަދަ ގިނަ ޤައުމުތަކުން އަސްކަރީ އުޅަނދުތަކުގައި އެހީއާ އެކު ޓީމުތައް ވެސް މިހާރު ވަނީ މިޔަންމާއަށް ފޮނުވައިފައެވެ.
ނަމަވެސް، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ދިރިތިއްބާ ސަލާމަތްކުރުމުގެ ވަގުތު ވަރަށް ބޮޑަށް ކުޑަތަންވެފައިވާ ކަމަށް އިދާރާތަކުން ދަނީ ބުނަމުންނެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނާ ގޮތުގައި، އިމާރާތްތަކުގެ ދަށުވެފައިވާ 270 އެއްހާ މީހުން ތިބި ކަމަށް ބެލެވޭ ކަމަށެވެ.
އެ ބިންހެލުމުގެ ލޮޅުން، އިންޑިޔާ އާއި ޗައިނާއަށް ވެސް ކޮށްފައިވާއިރު، އޭގެ އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އަވަށްޓެރި ތައިލެންޑަށެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އުސް އިމާރާތްތަކަށް ލޮޅުން އަރައި، ހަދަމުންދިޔަ 30 ބުރީގެ އިމާރާތެއް ވަނީ ވެއްޓިފައެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.