ENGLISH
26 ނޮވެމްބަރު 2024
ގާނޫނު އަސާސީއަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ
11 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ގާނޫނު އަސާސީއަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ބޭނުންފުޅުވާކަމަށާއި އެކަން ކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލަށް އައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދައުރު ފެށޭ ތާރީޚަކީ ނޮވެމްބަރު މަހުގެ 11 އަށް ހެއްދެވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިލައްވާ ކަމެކެވެ. ސަބަބަކީ އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވެފައި ވެރިކަން ނިިމޭ ދުވަހާ ވެރިކަން ފެށޭ ދުވަހަކީ 11 ނޮވެމްބަރުކަމުގައި ހެދުމަކީ ކޮންމެހެން ގެންނަން ޖެހޭ ބަދަލަކަށްވާތީއެވެ.
މިހާރު ވެރިކަމަށް އިންތިހާ ބޭފުޅަކަށް ވެރިކަމުގެ ހުވާ ކުރެއްވެނީ 17 ނޮވެމްބަަރުގައެވެ.
ދެން އެމަނިކުފާނު ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީ ބޭއްވެވުމެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށްވުރެ ދެތިން މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަކީ ވަރަށް ޚަރަދު ބޮޑު ގޮތެއް ކަމަށެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ރިޔާސީ އިންތިހާބާއި ބަރުލަމާނީ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އެކުއެކީގައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ދެބުރު ނުބާއްވައި ފުރަތަަމަ ބުރުން ރައީސަލު އިންތިހާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީވެސް އެމަނިކުުފާނު ބޭނުންފުޅުވާ ގޮތެކެވެ.
މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން ވެރިކަމަށް ހޮވެނީ ވޯޓްލީ މީހުންގެ ޖުމްލަ އަދަދުގެ 50 އިންސައްތަ އަދި 1 ވޯޓް ލިިބިގެންނެވެ. އާ ގާނޫޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެއްބުރުން އެއްވެސް ރައީސަލު އިންތިހާބުވެފައެއް ނެތެވެ. އެހެންވެ ރައީސް ވިދާލުވީ އެހެން ބައެއް ގައުމުތަކުގައިވެސް އޮންނަ ގޮތަށް އެއްބުރުން ވެރިއަކު އިންތިހާބުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަވަން ބޭނުންފުޅުވާ ކަމަށް ރޭ އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުރިހާ ބަދަލުތަކެއްގެން ގެންނަވާނީ ރައްޔިތުންގެ ޚިޔާލަށް އަހައި ރައްޔިތުންގެ ރުހުމާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.