ENGLISH

26 ނޮވެމްބަރު 2024

ޞިއްޙީ އަދި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ރައީސް ވިދާޅުވެއްޖެ

11 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަޤީންކަމެއް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ޚިދުމަތެއް ނޫން ކަމަށާއި، ރާއްޖޭގެ އަދުގެ ޙާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ޚާއްޞަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭ ކަމަށެވެ. މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި، ހަލުވި ދުވެލީގައި މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަފުސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ލ. ގަމުގައި އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާކަން ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަމަށް ވެސް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރެވޭނެ ކަމަށާއި، އިޤްތިޞާދީ ގޮތުން ފައިދާހުރި އެއަރޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދިރާސާތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި 2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބްރިޖު އެޅުމުގެ ރޮނގުން ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު