ENGLISH
07 އޭޕްރީލު 2025
އެތުލެޓިކޯ އަށް ރެއާލް ބަލިކުރެވިދާނެ ކަމަށް ސިމިއޯނީ ބުނެފި
12 މާރިޗު 2025
|
އެތުލެޓިކޯގެ ކޯޗު، ސިމިއޯނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެތުލެޓިކޯ މެޑްރިޑަށް ކުރިހޯދިދާނެ ކަމަށް އެ ޓީމުގެ ކޯޗު، ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
ސިމިއޯނީ މިހެން ބުނީ، މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން، ރެއާލްގެ ދަނޑުގައި 2-1 އިން ބަލިވި ނަމަވެސް، އެތުލެޓިކޯގެ ކޯޗު، ސިމިއޯނީ ބުނީ، މިރޭގެ މެޗުގައި ކާމިޔާބު ހޯދިދާނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
"އަހަރެންގެ ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތް،" ސިމިއޯނީ ބުންޏެވެ.
އޭނާގެ ޓީމުގެ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ދެމިތިބުމަށް ގަދައަޅާ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ސިމިއޯނީ ބުނެފައިވެއެވެ. އަދި، އެތުލެޓިކޯގެ މައިގަނޑު އަމާޒަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.
ސިމިއޯނީ ބުނީ، ދަނޑުމަތީގައި ނަތީޖާ ނެރުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށާއި، ބެލުންތެރިން ބަލާހިތްވާ ކަހަލަ މެޗެއް ކުޅުމަށް އޭނާގެ ޓީމުގެ ކިބައިން އެދޭނެ ކަމަށެވެ.
"އަހަރެމެންގެ އަމިއްލަ ސަޕޯޓަރުންގެ އެހީގައި މެޗުގެ ފޯރި އިތުރުކުރެވޭނެ،" ސިމިއޯނީ ބުންޏެވެ.
މެޗު ކާމިޔާބުކުރުމަށްޓަކައި ސަޕޯޓަރުންގެ އެހީތެރިކަމުގެ އިތުރުން ދަނޑުމަތީގައި އޭނާގެ ޓީމުން އެކަމަށް ފުރިހަމަ އަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ވެސް ސިމިއޯނީގެ ވާހަކައިގައި ފާހަގަކުރިއެވެ.
އެތުލެޓިކޯގައި ތިބި ޒުވާން ކުޅުންތެރިންނަށް ހިތްވަރުދީ، ހަމަޖެހިލައިގެން ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދެއްކުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.
ސިމިއޯނީގެ ވާހަކަ ނިންމާލަމުން ބުނީ، މެޗާ ދޭތެރޭ ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީގެ ވިސްނުންވެސް ހުރީ އެއް ކަހަލަ ގޮތަކަށް ކަމަށެވެ. އެކަމަކު، އަންޗެލޮޓީ އަކީ އޭނާ އަށް ވުރެ ހުރިހާ ގޮތަކުން މޮޅު ކޯޗެއް ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.