ENGLISH

06 އޭޕްރީލު 2025

Advertisement

ހައްޔަރުކުރުމުގެ އަމުރު ބާތިލުކުރުމުން ދެކުނު ކޮރެޔާގެ ރައީސް ޔޫން ޖަލުން ދޫކޮށްލައިފި

09 މާރިޗު 2025

|

ހަސަން އާމިރު

ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިޢުލާނު ކުރެއްވި މައްސަލާގައި، ރައީސްކަމުގެ މަޤާމުން އަޒުލުކޮށްފައިވާ ޔޫން ސުކް ޔެއޯލް ހައްޔަރުކުރަން ނެރެފައިވާ އަމުރު ކޯޓުން ބާތިލުކުރިތާ 24 ގަޑިއިރު ނުވަނީސް، އެ މަނިކުފާނު ޖަލުން ދޫކޮށްލައިފިއެވެ.

ޔޫން ހައްޔަރުކުރަން އަމުރު ނެރެފައިވަނީ، ބަންދުގެ މުއްދަތު ހަމަވިފަހުން ކަމަށް ވިދާޅުވެ، ޤާނޫނާ ޚިލާފު އެ އަމުރު ބާތިލުކުރަން ޔޫންގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ މަހުއެވެ.

އެ އަމުރު ބާތިލުކޮށް، ސޯލްގެ ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޔޫންގެ މައްޗަށް ހިންގަމުންދާ ތަހުޤީޤުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި، ސުވާލު އުފެދިފައިވާ ހައްޔަރުކުރުމުގެ އަމުރު ބާތިލުކުރުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

ހައްޔަރުކުރުމުގެ އަމުރު ބާތިލުކުރި މައްސަލަ، ޕްރޮސެކިޔުޓަރުން އިސްތިޢުނާފު ކޮށްފައެއް ނުވެއެވެ.

އެއާއެކު، ސަޕޯޓަރުންނަށް އިޝާރާތް ކުރައްވަމުން، ޖަލުން ނުކުމުވެވަޑައިގެންނެވި މަންޒަރުތައް ދެކުނު ކޮރެޔާގެ ޓީވީ ޗެނަލްތަކުން ވަނީ ދުރަށް ދައްކައިފައެވެ.

ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އެ މަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ތަހުޤީޤު ފަށައި، އެތައް ދުވަހެއްގެ މަސައްކަތަށް ފަހު، ޔޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޔޫންގެ މައްޗަށް ފިތުނަ އާއި ހަމަނުޖެހުން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ދަޢުވާ ވަނީ އުފުލައިފައެވެ.

ދެކުނު ކޮރެޔާގައި ފިތުނަ އުފެއްދުމަކީ މަރުގެ އަދަބު ކަނޑައެޅޭނެ ޖިނާޢީ ކުށެކެވެ.

ފިތުނަ އުފެއްދުމުގެ ދަޢުވާގެ އިތުރުން، އަޒުލުކުރި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ.

ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސްކަމުން އަޒުލުކުރިޔަސް، އެކަމާ މެދު ފަހު ބަސް ބުނާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު