ENGLISH
06 އޭޕްރީލު 2025
ޙަމާސް "ނައްތާލަންޖެހޭ" ކަމަށް ރޫބިއޯ ވިދާޅުވުމުން ޣައްޒާ އެއްބަސްވުމާ މެދު ސުވާލު އުފެދިއްޖެ
17 ފެބްރުއަރީ 2025
|
ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސް ޖަމާޢަތް ނައްތާލަންޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކް ރޫބިއޯ ވިދާޅުވުމުން، މިހާރު ޢަމަލުކުރަމުންދާ ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމުގެ ކުރިމަގާމެދު ސުވާލު އުފެދިއްޖެއެވެ.
މެދުއިރުމައްޗަށް ރޫބިއޯ ކުރައްވަމުން ގެންދަވާ ދަތުރުގައި، އޭނާ ވަނީ އިޒްރޭލަށް ވަޑައިގެން، ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލުކުރައްވައިފައެވެ.
"ހަމާސް އަށް އަސްކަރީ ނުވަތަ ސަރުކާރެއް ހިންގުމުގެ ބާރެއްގެ ގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެ... އެ މީހުން ނައްތާލަން ޖެހޭނެ،" ނަތަންޔާހޫއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫބިއޯ ވިދާޅުވިއެވެ.
ނަތަންޔާހޫ ބުނީ، ޣައްޒާ އާ މެދު އެމެރިކާ އާއި އިޒްރޭލު އޮތީ އެއް ވިސްނުމެއްގައި ކަމަށާއި، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ހުސްކޮށް، އެ ތަން ތަރައްޤީ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް އިޒްރޭލުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
އިޒްރޭލަށްފަހު، މިއަދުގެ ވަގުތެއްގައި ރޫބިއޯ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. ރޫބިއޯގެ ދަތުރަށްފަހު، ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް އިޒްރޭލުގެ ސަރުކާރުގެ އިސް ވެރިންގެ މެދުގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމުގެ ދަށުން، ހަ ބުރެއްގެ މަތިން ޙަމާސްއިން ރަހީނުކޮށްފައިތިބި 24 މީހުންނާއި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި 1،000 އަށް ވުރެ ގިނަ ޤައިދީން ވަނީ މިނިވަންކޮށްފައެވެ.
ހަ ވަނަ ބުރުގެ ރަހީނުންނާއި ޤައިދީން މިދިޔަ ހޮނިހިރު ދުވަހު ބަދަލުކޮށްފައިވަނީ، އިތުރު ރަހީނުން މިނިވަންނުކުރާނެ ކަމަށް ޙަމާސްއިން ބުނެ، އެއްބަސްވުން ރޫޅިދާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ.
ޙަމާސްއިން އިތުރު ރަހީނުން މިނިވަންކުރަން ދެކޮޅު ހެދީ، އިޒްރޭލުން އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ބުނެއެވެ.
ނަމަވެސް، ހަނގުރާމަ އަލުން ފަށާނެކަމުގެ އިންޒާރު، އިޒްރޭލާއި އެމެރިކާ އިން ދީފައިވަނިކޮށް، ޙަމާސް އިން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
ތިން ފިޔަވައްސަކަށް ބަހާލާފައިވާ މި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި، ޙަމާސްއިން ރަހީނުކޮށްފައިވާ މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމުގެ އިތުރުން، ޣައްޒާގައި އާންމުން ދިރިއުޅޭ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ހިމެނެއެވެ.
އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 33 ރަހީނުން މިނިވަންކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުން 1،900 އެއްހާ ފަލަސްތީނުގެ ޤައިދީން މިނިވަންކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދެވަނަ ފިޔަވަހީގައި، ޣައްޒާގައި ދާއިމީކޮށް ޙަމަލާތައް ހުއްޓާލައި، ބާކީ ތިބި ރަހީނުންނާއި ޤައިދީން ވެސް މިނިވަންކުރާނެއެވެ.
މީގެއިތުރުން، ޣައްޒާގެ ހުރިހާ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ވެސް މި ފިޔަވަހީގައި ހިމެނޭނެއެވެ.
މި އެއްބަސްވުމުގެ ތިންވަނަ ނޫނީ ފަހު ފިޔަވަހީގެ ދަށުން، ޣައްޒާގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ވަޞީލަތްތައް އަލުން އިމާރާތްކޮށް އިޔާދަކުރުމުގެ މަސައްކަތް ފެށޭނެއެވެ.