ENGLISH
26 ނޮވެމްބަރު 2024
ވަރިއަކީ، ވަކިވުމާ އަލްވަދާޢު އޭގައި ހިމެނޭ ބަހެއް:ހުކުރު ޙުތުބާ
08 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައި ވަނީ ވަރިކުރުމާއި ޢިއްދައާ ބެހޭ ޙުކުމްތަކުގެ މައްޗަށެވެ. ވަރިއަކީ، ވަކިވުމާ އަލްވަދާޢު އޭގައި ހިމެނޭ ބަހެއްކަމަށާއި ، އިސްލާމީ ޝަރީޢަތުގައި ވަރިއަކީ ، އެކަމުގައި ފިޤްހީ އެތައް ޙުކުމެއް ހިމެނޭ ކަމެއްކަމުގައި ވަނީ ފާހަގަ ކޮށްފައެވެ.
ތިން ބަހެއް ގަސްތަކާއިލައިގެން ނުވަތަ ސަމާސާއަކަށް ބުނިކަމުގައި ވިޔަސް އެ ކަންކަމުގެ ޙުކުމް ހިގާނެ ކަމަށާއި ، އެއީ ކައިވެނިކުރުމާއި،ކައިވެނި ރުޖޫޢަކުރުން ކަމަށް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުން ސާބިތުވާކަން ވަނީ ބަޔާންކޮށްފައެވެ.މީގެ އިތުރުން ޙައްޤަކާ ނުލައި، ފިރިމީހާގެ ގާތުން ވަރިވާން އެދޭ އަންހެނާ ސުވަރުގޭގެ ވަސް ޙަރާމްވެގެންވާ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާކަމުގައި ވަނީ ބުނެފައެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ" - ސޫރަތުއް އައްރޫމް ގެ 21 ވަނަ އާޔަތް
ޒަވާޖީ ހަޔާތައް ބު ރޫ އަރާފަދަ ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އަމަލުކުރަންވީ ޝަރުޢީ ގޮތް ކީރިތި ޤުރުއާނުގައި ބާންވެގެންވާކަން ހުތުބާގައި ފާހަގަ ކުރައްވާ ސޫރަތުއް އަންނިސާގެ 35 ވަނައާޔަތް ބަޔާންކޮށްދީފައިވެއެވެ.
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا ۗ إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا
"އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަ ކުރުމަށް އެދެމީހުން ޤަޞްދު ކުރާނަމަ، ﷲ، އެ ދެމީހުން ޞުލްޙަ ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ." - އަންނިސާގެ 35 ވަނައާޔަތް
ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ އަރައިރުން ، ވަރިއާ ހަމައަށް ދިއުމުގެ ކުރީން، އެއަރައިރުން ޙައްލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ޓަކައި، ދެ ފަރާތުން ފޮނުވާ ނިޔާވެރީންގެ ނިންމުމާ ، އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ވަރީގެ މައިގަނޑު ދެބާވަތެއް ވާކަމަށާއި އެއީ ރަޖުޢީ ވަރިކަމުގައިވާ ފުރަތަމަ ފަހަރާއި، ބާއިނު ވަރިކަމުގައިވާ ދެވަނަ ފަހަރު ކުރެވޭ ވަރިކަން ވަނީ ބުނެދީފައެވެ. ބާއިނު ވަރިއަކީ ފިރިމީގާ އޭނާގެ އަނބިމީހާ ރުޖޫޢަކުރިކަމަށް ބުނުމުން އަނބިމީހާ ރުޖޫޢަކުރެވޭ ވަރިއެވެ. ބާއިނު ވަރިއަކީ ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރީގެ ޢިއްދަ ހަމަވުމާއި، ތިންފަށް ވަރިއާޢި ޚުލްޢު ވަރިއެވެ.
ހަމައެހެންމެ ބާއިނު ވަރިއަކުން އަނބިމީހާ ވަރިކޮށްފި ނަމަ ކައިވެނި ރުޖޫޢައެއް ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާގައި ޙުކުމްގެ ގޮތުން ވަރި ދެބަޔަކަށް ބެހޭކަމަށް ވަނީ ބުނެފައެވެ. އެއީ ސުންނީ ވަރިއާޢި ބިދުޢީ ވަރިކަމާއި، ސުންނީ ވަރިއަކީ، އަނބިމީހާ ބަލިވެއިންދައި، ނުވަތަ ޖިމާޢުވެފައިނުވާ ޡުހުރެއްގައި ، ޞަރީހަ ޢިބާރާތުން ، ވަރިކޮށްފީމޭ ބުނެ ވަރިކުރުން ކަމުގައި ބުނެދިނެވެ. އަދި އަނބިމީހާ ޙައިޟުގެ ތެރޭގައި ވަރިކުރުމާ ، ޖިމާއުވެފައިވާ ޡުހުރެއްގައި ބަލިވެއިންކަން ނުވަތަ ނޫންކަން ނޭނގޭ ޙާލުގައި ވަރިކުރުމާއި، އެއްފަހަރާ ތިންފަށްވަރިއަކުން ވަރިކުރުމަކީ ބިދުޢީ ސުންނަތާ ޙިލާފް ވަރިއެއްކަމުގައި ބުނެދިނެވެ.
މީގެ އިތުރުން ވަރި ހުއްދުވާ ސަބަބު ތަކުގެ ތެރޭގައި އަނބިމީހާގެ އަޚްލާޤު ނުބައިވުމާއި ، ޒަވާޖީ ޚަޔާތުގެ އިންތަކުން ބޭރުވުމާއި ، ﷲގެ އަމުރުފުޅުތަކަށް ފަރުވާ ކުޑަކުރުން ހިމެނޭކަމުގައި ބުނެދިނެވެ. ހަމައެހެންމެ ﷲ އެންގެވި އިމުގެ ތެރޭގައި ދެމަފިރީންނަށް ޒަވާޖީ ޚަޔާތް ވޭތުނުކުރެވޭނެކަން ކަށަވަރު ވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ވަރިވުންކަމުގައި ވަނީ ބުނެފައެވެ. ހަމަ އެފަދައިން ފިރިމީހާ އަނބިމީހާގެ މައްޗަށް އަނިޔާވެރިވެ، އަނބިމީހާގެ ހައްޤުތައް އަދާނުކުރާ ނަމަ ، އަނބިމީހާ ކައިވެނި ޚުލްޢުކުރުމަށް ހުށައެޅުން ހުއްދަކަމާށާއި އެފަދަ ހާލަތެއްގައި ފިރިމީހާ ދިން ކައިވެނީގެ ރަން އަނބުރައި ދޭން ޖެހޭކަން ވަނީ ބަޔާންކޮށްފައެވެ.
ވަރީގެ ޢިއްދައިގެ ތެރޭ ކަންކުރަންވީ ގޮތް ކިޔާދެމުން ހުތުބާގައި ބުނެފައިވަނީ ޢިއްދައިގެ ތެރޭގައި އަނބިމީހާ އިންނަން ޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށެވެ. ސަބަބަކީ އެ ޙާލަތުގައި ފިރިިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ހައްޤު އޮތުންކަމުގައި ބަޔާންކުރިއެެވެ. އަދި މިއީ ޒަވާޖީ ޙަޔާތް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރު އަނގައިދޭ ކަމެއްގެ ގޮތުގައި ވަނި ބުނެފައެވެ.
އަދި އިއްދައިގެ މުއްދަތުގައި ފިރިމީހަ އޭނާގެ އަނބިމީހާ ދިރިއުޅޭން ތަނަކާއި ޙަރަދު ދޭން ޖެހޭނެ ކަމަށާއި އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަންނަން ޖެހޭނެކަމުގައި ވަނީ ބުނެފައެވެ. އަދި އިއްދައިގެ މުއްދަތުގައި އެކަކު ނިޔާވެއްޖެ ނަމަ އަނެކާއަށް ވާރުތަމުދަލުން ބައި ލިބޭނެކަމަށާއި ޢިއްދައިގަ އިން އަންހެނާއާ އެކު އެއްވަގުތެއްގައި ކައިވެނިކުރުން ޙަރާމް އަންހެނަކާ ކައިވެންޏެއް ނުކުރެވޭނެކަން ބުނެދިނެވެ. އަދި ހަތަރުވަނަ އަނބިމީހާ ވަރިކޮށްފައިވާނަމަ އޭނާގެ ޢިއްދަ ހަމަވުމުގެ ކުރިން އިތުރު މީހަކާ ކައިވެނި ނުކުރެވޭނެކަން ވެސް ބަޔާންކޮށްދިނެވެ.
މީގެއިތުރުންވެސް ކައިވެންޏާއި ވަރީގެ ޝަރުޢީ ޙުކުމްތަކެއް ކަނޑައެޅުފައިވާއިރު، އެކަންކަން ބެލެހެއްޓުމާއި، ޢާއިލާތަކުގެ ޙައްޤުތައް ރައްކައުތެރިކުރުމަށްޓަކައި ދައުލަތުން ހަދައިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަން ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އަދި ކޯޓުތަކުގައި ކައިވެންޏާ ވަރިއާ ގުޅޭ ކަންކަން ރަޖިސްޓްރީ ކޮށް ބެލެހެއްޓުމީ މި ޒަމާނުގައި ކުރުން ވާޖިބުކަމެއް ކަމަށާއި ނުބެލެހެއްޓިއްޖެނަމަ ތަރިކައިން ވާރުތަވުން ފަދަ ހައްޤުތަކުން ދެމަފިރީންނައި ދަރީން މަޚްރޫމުވެދާނެކަމަށް ވަނީ ބުނެދީފައެވެ.
އަދި ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެކަމަށް މާތްﷲ ގެ ވަހީ ބަސްފުޅުގައި ވާކަމަށް ވަނީ ބުނެދީފައެވެ.