ENGLISH
26 ނޮވެމްބަރު 2024
ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުއްވައިދެއްވައިފި
07 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.މިއަދު ހުޅުއްވައިދެއްވި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެއެވެ. މިއީ އެއަރޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ޤާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ މަޝްރޫޢެކެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް, އެމް.އޭ.ސީ.އެލް އިން މި މަޝްރޫއު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީ އާއިއެކުއެވެ.މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކުރުމެވެ. މިއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަރއެވެ.އެހެންނަމަވެސް މިއަދު ހުޅުއްވައިދެއްވި ނިޒާމުގެ ސަބަބުން އެއަރ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް، މި ނިޒާމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
މިއަދު އިފުތިތާހުކޮށްދެއްވި އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެއެވެ. އަދި އޭގެ މަންފާއާ ހެޔޮ އަސަރު ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެއެވެ.
އައު ފިއުލް ފާމް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފައެވެ.މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.