ENGLISH
22 އޭޕްރީލު 2025
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް
11 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ގޭބީސީއަކަށް މި އަންނަ ރޯދަމަހާ ދިމާކޮށް މަސްދަޅުކޭސް ދިނުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ޢިއުލާން ކުރެއްވީ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ އަތޮޅުތަކުގައި މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބައްސަވަންވަނީ ފައްޓަވާފައެވެ.
ލޯކަލް ގަވަރމެންޓް މިނިސްޓްރީއާ އެސްޓީއޯ ގުޅިގެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ފަށާފައިވަނީ ހދ. އަތޮޅުންނެވެ. އެގޮތުން މިހާތަނަށް މަސްދަޅު ކޭސް ބަހާފައިވަނީ އެ އަތޮޅުގެ ރަށްތަކަށެވެ. އެ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި، ނޮޅިވަރަންފަރާއި، ހަނިމާދޫ އަދި ކުރިނބީ ހިމެނެއެވެ.
މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެއެވެ. މިއަދު ވެސް ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި ދަނީ އެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ.
ފުރަ މާލޭގައި މަސްދަޅު ބެހުމުގެ މަސައްކަތް ފައްޓަވާނީ މިމަހު 20 ވަނަ ދުވަހުއެވެ. އެގޮތުން މާލޭގައި މަސްދަޅު ބަހާ ގަޑިތަކަކީ މެންދުރު 14:30 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. މި މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުންވަނީ ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވެއެވެ.
މި ފެށޭ ރޯދަމަހު މަސްދަޅު ބެހުމަށް ހަމަޖެހިފައިވަނީ 82 ހާސް ގޭބީސީއަކަށެވެ. ގޭބީސީތަކަށް ރޯދަ މަހުގައި ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ.