ENGLISH

15 ޖުލައި 2026

Advertisement

ހިތްދަތި ނާކާމިޔާބީއަކާއެކު ޑެޝޯމްޕްސްގެ ދައުރު ނިމުމަކަށް އައި ނަމަވެސް، ތާރީޚީ ކާމިޔާބީތަކަށް ފަނޑުކަމެއް ނެތް

15 ޖުލައި 2026

|

އިސްމާއިލް ޝާހު

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: ރޮއިޓަރސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ކާމިޔާބު ދައުރު ނިމުމަކަށް އައީ ހިތްދަތި ގޮތަކަށެވެ. އެކަމަކު އޭނާ ގާއިމުކޮށްފައިވާ ތާރީޚީ ކާމިޔާބީތަކަކަށް ފަނޑުކަމެއް ނާންނާނެއެވެ.

ފްރާންސް ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވެފައެވެ. އަދި ޔޫރޯ 2024 އާއި، ޔުއެފާ ނޭޝަންސް ލީގުގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމާއެކު، ޖެހިޖެހިގެން ތިން ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން އެ ޓީމު ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އެކަމަކު 2012 ވަނަ އަހަރު ފްރާންސްގެ ޓީމާ ޑެޝޯމްޕްސް ހަވާލުވިއިރު، އެ ޓީމު އޮތީ 2010 ގެ ވޯލްޑް ކަޕުގައި ދިމާވި މައްސަލަތަކުގެ ސަބަބުން ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އޭނާ އަބަދުވެސް ފާހަގަކުރެވެނީ 2018 ވަނަ އަހަރު ފްރާންސަށް ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗުގެ ގޮތުގައެވެ. މިއީ އޭނާގެ ކެޕްޓަންކަމުގެ ދަށުން 1998 ވަނަ އަހަރު ފްރާންސުން ފުރަތަމަ ފަހަރަށް ތަށި އުފުލާލިތާ 20 އަހަރު ފަހުން ހޯދި ކާމިޔާބީއެކެވެ.

ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕުގެ 20 މެޗުން މޮޅުވެ ރިކޯޑު ގާއިމުކޮށްފައިވާ ޑެޝޯމްޕްސް ވަނީ، ޖެހިޖެހިގެން ތިން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ފްރާންސް ގެންގޮސްދީފައެވެ. މީގެ ތެރެއިން ދެ ފަހަރު ފައިނަލަށް ދަތުރުކޮށް، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފްރާންސަކީ އެންމެ ވަރުގަދަ އަދި އެންމެ އެއްވަރެއްގައި ހިފަހައްޓާލެވޭ ޓީމުގެ ގޮތުގައި އޭނާ ވަނީ ދައްކުވައިދީފައެވެ.

އުމުރުން 57 އަހަރުގެ ޑެޝޯމްޕްސް، މި މުބާރާތަށްފަހު އޭނާގެ އެއްބަސްވުން ހަމަވުމުން މަގާމުން ވަކިވާނެކަން މިދިޔަ އަހަރު ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ވޯލްޑް ކަޕުގެ ތިންވަނަ ހޮވާ މެޗު ވެގެންދާނީ އޭނާގެ ވަދާއީ މެޗަށެވެ.

ޑެޝޯމްޕްސްގެ ބަދަލުގައި އެ މަގާމާ ހަވާލުވާނެ ކަމަށް ބޮޑަށް ބެލެވެނީ އެ ޤައުމުގެ ލެޖެންޑް ޒައިނުއްދީން ޒިދާނެވެ. 

ރީތި ކުޅުމަކަށްވުރެ ބޮޑަށް ނަތީޖާއަށް އިސްކަންދޭ ޓީމެއް

ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުތަކަކީ އާންމުކޮށް ރީތި، ހިތްގައިމު ކުޅުމެއް ދައްކާ ޓީމުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައެއް ނުވެއެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ހުނަރުވެރި އެޓޭކިން ކުޅުންތެރިން ޓީމުގައި ތިބި ނަމަވެސް، ކުޅުމުގެ ރީތިކަމަށްވުރެ ބޮޑަށް ޓީމުގެ ހަމަހިފެހެއްޓުމާއި، އަދަބުވެރިކަމާއި، އަދި ނަތީޖާ ނެރުމުގެ ހުނަރަށް އޭނާ އިސްކަންދޭތީ ބައެއް ފަހަރު ފާޑުކިޔުންތައް އަމާޒުވިއެވެ.

އެކަމަކު އޭނާ ހޯދަމުންދިޔަ ނަތީޖާތަކުން އޭނާގެ އުސޫލުތަކަކީ ކާމިޔާބު އުސޫލުތަކެއްކަން ތަކުރާރުކޮށް ސާބިތުކޮށްދިނެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތައްޓާއެކު ފްރާންސްގެ ކޯޗު ޑެޝޯމްޕްސް --- ފޮޓޯ: ގެޓީ

އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުން އެ ޓީމު ކެޓީ ޗެމްޕިއަންކަން ހޯދި ޖަރުމަނު އަތުން ހަނި ތަފާތަކުން ބަލިވުމުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ ފައިނަލަށް އޭނާ ފްރާންސް ގެންގޮސްދިނެވެ. އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލް އަތުން ބަލިވި ނަމަވެސް، އޭގެ ދެ އަހަރު ފަހުން ރަޝިއާގައި ބޭއްވި މުބާރާތުން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

2018 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސުން 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކުރިއިރު، ޑެޝޯމްޕްސް ވެގެންދިޔައީ ބްރެޒިލްގެ މާރިއޯ ޒަގާލޯ އަދި ޖަރުމަނުގެ ފްރާންޒް ބެކެންބާއު އަށްފަހު، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ މީހާއަށެވެ.

އެއަށްފަހު 2021 ވަނަ އަހަރު ނޭޝަންސް ލީގުގެ ތަށި ކާމިޔާބުކޮށް، ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި ތަށި ދިފާއުކުރުމާ ވަރަށް ގާތަށް ދަތުރުކުރިއެވެ. އެ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ 80 މިނެޓުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ނަމަވެސް، ފަހަތުން އަރައި 3-3 އިން އެއްވަރުކޮށް، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.

މި ހުރިހާ ކާމިޔާބީތަކަކާއެކު، ޑެޝޯމްޕްސްއަށް ވަނީ މަދު ކޯޗަކަށް ނޫނީ ނުލިބޭ ފަދަ ބޮޑު އިތުބާރެއް ލިބިފައެވެ.

ކާމިޔާބު ކުޅިވަރު ކެރިއަރެއް

ކުރީގެ ޑިފެންސިވް މިޑްފީލްޑަރު، ފްރާންސްގެ ކޯޗުކަމާ ހަވާލުވުމުގެ މާ ކުރިންވެސް ވަނީ ކާމިޔާބު ކުޅިވަރު ކެރިއަރެއް ބިނާކޮށްފައެވެ.

1968 ވަނަ އަހަރު ބަޔޯނަށް އުފަންވި ޑެޝޯމްޕްސް ފުރަތަމަ ފެނިގެންދިޔައީ ނޯންޓްސްގެ ޓީމުންނެވެ. އޭގެ ފަހުން އޮލިމްޕިކް މާސޭއާ ގުޅި، އެ ޓީމާއެކު ދެ ފަހަރު ލީގު ކާމިޔާބުކޮށް، 1993 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފްރެންޗް ކުލަބުގެ ކެޕްޓަނަކަށް ވިއެވެ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ތައްޓާއެކު ޑެޝޯމްޕްސް --- ފޮޓޯ: ގެޓީ

1994 ވަނަ އަހަރު އޭނާ ޔުވެންޓަސްއަށް ބަދަލުވިއެވެ. ޓިއުރިންގައި އޭނާ ވަނީ ތިން ފަހަރު އިޓާލިއަން ލީގު އަދި އިތުރު ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށް، ޔޫރަޕުގެ ވަރުގަދަ ޓީމއެއްގެ މެދުތެރޭގައި ހުރި މުހިންމު ރޭވުންތެރިއެއްގެ ގޮތުގައި އޭނާގެ މަގާމު ދަމަހައްޓާފައެވެ.

ޑެޝޯމްޕްސް ވަނީ ޤައުމީ ޓީމަށް 103 މެޗު ކުޅެދީ، 1998 ވަނަ އަހަރު ސްޓޭޑް ޑި ފްރާންސްގައި ވޯލްޑް ކަޕް އުފުލާލި ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އަދި އޭގެ ފަހުން 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، ތާރީޚި ކާމިޔާބީއެއް ހޯދިއެވެ.

ކޯޗިން ދާއިރާގައިވެސް ގިނަ ކާމިޔާބީތަކެއް

ޑެޝޯމްޕްސް ވަނީ މޮނާކޯ، 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ. އަދި ޔުވެންޓަސް ދަށް ޑިވިޝަނަށް ރެލިގޭޓުކުރުމުން، އެނބުރި ފުރަތަމަ ޑިވިޝަނަށް އެ ޓީމު ގެނެސްދިނުމުގައި އެހީތެރިވިއެވެ. މީގެ އިތުރުން 2010 ވަނަ އަހަރު މާސޭއަށް ފްރެންޗް ލީގު ކާމިޔާބުކޮށްދިނީ އެ ޓީމުން ތަށީގެ އިންތިޒާރުގައި ހޭދަކުރި 18 އަހަރަށް ނިމުން ގެނެސްދެމުންނެވެ.

2012 ވަނަ އަހަރުގެ ޖުލައި މަހު، ލޯރެންޓް ބްލާންކުގެ ފަހުން ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، އޭރު ޤައުމީ ޓީމު އޮތީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގައި ކުޅުންތެރިން ކުރި ހަޅުތާލަށްފަހު، ޓީމުގެ އަބުރު އަލުން އިއާދަކުރުމުގެ މަސައްކަތުގައެވެ.

އެއާއެކު ޑެޝޯމްޕްސް އެންމެ ފުރަތަމަ ގާއިމުކުރީ ޓީމުގެ ތަރުތީބެވެ. އެއަށްފަހު ކާމިޔާބީއަށް އޮތް އިތުބާރު އާލާކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ކާމިޔާބީ ހޯދައިދިނެވެ.

ފްރާންސްގެ ކޯޗުކަމުން ޑެޝޯމްޕްސް ވަކިވެގެންދަނީ އޭނާ އެންމެ ބޭނުންވި ފަދަ އުފާވެރި ނިމުމަކާއެކު ނޫން ނަމަވެސް، ރިކޯޑުތަކުން އޭނާއަށް ފްރާންސްގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ނުފޫޒުގަދަ އެކަކުގެ ލަގަބު ލިބިގެންދެއެވެ. އޭނާއަކީ ކެޕްޓަނެއްގެ ގޮތުގައި ވޯލްޑް ކަޕް އުފުލައިލި، އަދި ކޯޗެއްގެ ގޮތުގައި ވެސް އެ ކާމިޔާބީ ތަކުރާރުކުރި، އަދި 14 އަހަރު ވަންދެން ފްރާންސްގެ ޓީމަކީ ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި އަބަދުވެސް ވާދަވެރި ޓީމެއްގެ ގޮތުގައި ދެމެހެއްޓި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު