ENGLISH

15 ޖުލައި 2026

Advertisement

ނޯވޭގެ ޓީމަށް އެ ޤައުމުން ހޫނު މަރުހަބާއެއް

15 ޖުލައި 2026

|

އިސްމާއިލް ޝާހު

ނޯވޭގެ ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ޕެރޭޑުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 އިން ނޯވޭގެ ޤައުމީ ފުޓްބޯޅަ ޓީމު ކެޓުމާ ގުޅިގެން ލިބުނު މާޔޫސްކަން، އެ ޤައުމުގެ އެއްލައްކައަށްވުރެ ގިނަ ސަޕޯޓަރުން ނުކުމެ ބޮޑު އީދަކަށް ބަދަލުކޮށްލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ނޯވޭގެ ވެރިރަށް އޮސްލޯގެ މަގުތަކަށް އެތައް ހާސް ބަޔަކު ޖަމާވީ، އެ ޤައުމުގެ ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިންނާ ބައްދަލުކޮށް، އިތުރު ވަގުތުގެ ތެރޭގައި 2-1 ގެ ނަތީޖާއަކުން ބަލިވުމުން ނޯވޭގެ އުއްމީދުތައް ނިމުމަކަށް އައި ނަމަވެސް، އެކަމުން ސަޕޯޓަރުންގެ ހިތްވަރަކަށް ބަދަލެއް ނައެވެ.

ނޯވޭގެ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ --- ފޮޓޯ: ރޮއިޓަރސް

ޓީމު އެނބުރި ޤައުމަށް ދިޔުމުން، ސަޕްރައިޒް ވޯޓާ ސެލިއުޓަކާއެކު މަރުހަބާ ކިޔުމަށްފަހު، ވެރިރަށުގައި ބޭއްވި ޚާއްސަ ޕެރޭޑު ފެށުނެވެ.

މި ޕެރޭޑުގެ ތެރެއިން ޓީމުގެ ކުޅުންތެރިން ވަނީ ރަސްގެފާނު ހެރަލްޑާވެސް ބައްދަލުކުރައްވާފައެވެ. މަގުތަކުގައި ތިބި ސަޕޯޓަރުންގެ އަދަދު ގިނަކަމުން، ޓީމު ދަތުރުކުރި ބަހަށް ކުރިއަށް ދިއުމަށް ދަތިވެ، ބައެއް ފަހަރު ފަހަތަށް ޖަހަން ޖެހުނުއިރު، ފުލުހުންނަށްވެސް މަގު ހުސްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ނޯވޭގެ ޓީމާ ރަސްގެފާނު ހެރަލްޑް ބައްދަލުކުރައްވަނީ --- ފޮޓޯ: ރޮއިޓަރސް

ޓީމުގެ ކޯޗު ސްޓޭލް ސޯލްބަކެން ފާހަގަކުރި ގޮތުގައި، ދަތުރުގައި ދިމާވި ލަސްތަކެއްގެ ސަބަބުން އާލިން ހާލަންޑް ފަދަ ބައެއް ކުޅުންތެރިންނަށް އެހެން ފްލައިޓެއްގައި ދާން ޖެހުނު ނަމަވެސް، މުޅި ޓީމަށް ލިބުނު ތަރުހީބަކީ ބުނެދޭން ނޭނގޭ ފަދަ އާދަޔާ ޚިލާފު ތަރުހީބެކެވެ.

ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ބުނި ގޮތުގައި، އެމެރިކާގައާއި އަދި ޤައުމަށް އެނބުރި އައުމުން ލިބުނު މިފަދަ ތަރުހީބަކީ އެއްވެސް މީހަކު އުއްމީދުކުރި ވަރަށްވުރެ މާ ބޮޑު ތަރުހީބެކެވެ.

ކިޔުންތެރިންގެ ހިޔާލު