ENGLISH

08 އޭޕްރީލު 2025

Advertisement

އިޒްރޭލުން ޣައްޒާ އެއްބަސްވުމާ ޚިލާފުވާ ކަމަށް ބުނެ ރަހީނުން މިނިވަންކުރުން ޙަމާސްއިން މަޑުޖައްސާލައިފި

11 ފެބްރުއަރީ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޢަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ރަހީނުން މިނިވަންކުރުން ޙަމާސް ޖަމާޢަތުން މަޑުޖައްސާލައިފިއެވެ.

ޙަމާސްގެ ތަރުޖަމާނު އަބޫ އުބެއިދާ ނެރުނު ބަޔާނެއްގައި ބުނީ، އިސްތިއުމާރީ ބާރުން ކުރިން ވެފައިވާ ވަޢުދުތައް ފުރިހަމަކޮށް، ބަދަލުގައި ކުރަން އެއްބަސްވި ކަންތައްތައް ކުރަންދެން، އިތުރު ރަހީނުން މިނިވަން ނުކުރާނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއް ނެތި ޙަމަލާތައް ދޭން ފެށިތާ 15 މަސް ދުވަސް ފަހުން، ގިނަ ޤައުމުތަކެއް މެދުވެރިވެގެން، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލައި، ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން، ޙަމާސްއިން ރަހީނުކޮށްފައިވާ 21 މީހަކާއި، އިޒްރޭލުގެ ޖަލުތަކުން 700 އެއްހާ ފަލަސްތީނުގެ މީހުން ވަނީ ފަސް ފަހަރެއްގެ މަތިން މިނިވަންކޮށްފައެވެ.

ހަ ވަނަ ބުރުގެ ރަހީނުންނާއި ޤައިދީން މިނިވަންކުރަން ހަމަޖެހިފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

ނަމަވެސް، އުބެއިދާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ސުލްޙައިގެ އެއްބަސްވުމާ އެއްގޮތަށް، ޣައްޒާގެ ދެކުނު ދިރިއުޅޭ ރައްޔިތުން އަނބުރާ ދިޔުމާއި އެހީ ވެއްދުމަށް ހުރަސް އެޅުމުގެ އިތުރުން، ޔަހޫދީ ސިފައިން ޣައްޒާއަށް އަދިވެސް ޙަމަލާތައް ދެމުންދާ ކަމަށެވެ.

އެހެންކަމުން، އިޒްރޭލުން އެއްބަސްވުމަށް ފުރިހަމައަށް ތަބާވަންދެން، އިތުރު ރަހީނުން މިނިވަންކުރުން މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

ޙަމާސްގެ މި ނިންމުމަކީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވުން ކަމަށް ބުނެ، އިޒްރޭލު އަސްކަރިއްޔާ ތައްޔާރީ ޙާލަތަށް ވަނީ ގެނެސްފައެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޙަމާސްއަށް ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.

އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 33 ރަހީނުން މިނިވަންކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުން 1،900 އެއްހާ ފަލަސްތީނުގެ ޤައިދީން މިނިވަންކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު