ENGLISH
18 އޭޕްރީލު 2025
ބުލްސް އަތުން ވޯރިއާސް އަށް މުހިއްމު މޮޅެއް
09 ފެބްރުއަރީ 2025
|
ވޯރިއާސްއާ ބުލްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ޝިކާގޯ ބުލްސް އަތުން 111-132 އިން ގޯލްޑެން ސްޓޭޓް ވޯރިއާސް މޮޅުވެއްޖެއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ވޯރިއާސް މޮޅުވި ދެވަނަ މެޗެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.
ޝިކާގޯގައި ހުންނަ ޔުނައިޓެޑް ސެންޓަރުގައި ކުޅުނު މެޗުގެ ދެވަނަ ކުއާޓަރ ފިޔަވައި އެހެން ހުރިހާ ކުއާޓަރއެއްގައި ވޯރިއާސް ވަނީ ކުރި ހޯދައިފައެވެ. އެ ޓީމުން ފުރަތަމަ ކުއާޓަރގައި 34-31 އިން ކުރިހޯދިއިރު، ބުލްސް ވަނީ ދެވަނަ ކުއާޓަރގައި 38-21 އިން ކުރިހޯދައި، 14 ޕޮއިންޓްގެ ލީޑަކާއެކު ހާފު ނިންމާލައިފައެވެ.
ނަމަވެސް، ވޯރިއާސް އިން ވަނީ ފަހު ދެ ކުއާޓަރގައި 42-25، އަދި 35-17 އިން ކުރިހޯދައި، 21 ޕޮއިންޓްގެ ފަރަގަކާ އެކު މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ވޯރިއާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ސްޓެފަން ކަރީ އެވެ. ކަރީ ވަނީ 34 ޕޮއިންޓާއެކު ހަ އެސިސްޓް ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ދާދިފަހުން މިއާމީ ހީޓް ދޫކޮށް ވޯރިއާސް އަށް ބަދަލުވި، ޖިމީ ބަޓްލާ އެވެ. މީގެކުރީން، ބުލްސް އަށް ވެސް ކުޅެފައިވާ ބަޓްލާ ވަނީ ވޯރިއާސް އަށް ކުޅެދިން ފުރަތަމަ މެޗުގައި 25 ޕޮއިންޓް އެއްކޮށްފައެވެ. ބުލްސް އިން އެންމެ ރަނގަޅަށް ކުޅުނު ކޮބީ ވައިޓް ވަނީ 27 ޕޮއިންޓްއެއްކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލޮސް އެންޖެލިސް ލޭކާސް ވަނީ 124-117 އިން އިންޑިއާނާ ޕޭސާސް ބަލިކޮށްފައެވެ. ބޮސްޓަން ސެލްޓިކްސް އަތުން 131-104 އިން ނިއު ޔޯކް ނިކްސް ބަލިވިއިރު، ފީނިކްސް ސަންސް އަތުން ޑެންވާ ނަގެޓްސް މޮޅުވީ 122-105 އިންނެވެ.