ENGLISH

22 އޭޕްރީލު 2025

Advertisement

އިސްލާމް ދީނުގެ އަސާސްތައް ހިފެހެއްޓުމަށް ރައީސް ދެއްވާ އަހައްމިއްޔަތު، ރިޔާސީ ބަޔާނުން

08 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކާއި، އެކި ޚާއްސަ މުނާސަބަތުތަކާ ގުޅިގެން ނެރުއްވި ޚިތާބުތަކުގައި އަދި އެކި ރަސްމިޔާތުތަކުގައި އިއްވަވާފައިވާ ބަޔާންތަކަށް ބަލާލުމުން ވަރަށް ޚާއްޞަ ސިފައެއް ފެނިގެންދެ އެވެ. އެއީ އިސްލާމް ދީނަށް އެމަނިކުފާނުގެ ހިތްފުޅުގައި ދެވިފައިވާ ލޯތްބާއި މަޤާމެވެ. ވެރިކަން ކުރެއްވުގައި އިސްލާމް ދީނުގެ އަސާސްތައް ހިފެހެއްޓެވުމަށް ދެއްވަވާ ޚާއްސަ އަހަމިއްޔަތު އެމަނިކުފާނުގެ މިފަދަ ކޮންމެ ވާހަކަފުޅަކުން ފާހަގަވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާދެއްވައި ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ އިޤުތިސާދާއި އުމްރާނީ ތަރައްޤީއާއި ގުޅޭ ވާހަކަފުޅުގެ ކުރިން އިސްކުރެއްވެވި އެހެން ވާހަކަފުޅެއް އެބަ އޮތެވެ. ޤައުމު ހިންގެވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ ކަންތައް ތަރުތީބު ކުރެވިގެން ދިޔައިރު އެންމެ ފުރަތަމަ ވެސް ވިދާޅުވީ އިސްލާމްދީނުގެ ވާހަކަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ހާސިލްކުރައްވަން ބޭނުންފުޅުވާ ކަންކަން ހާސިލް ކުރެއްވުމަށް އޮތީ ގަދައަޅާ މަސައްކަތްކުރުންކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޢަޒުމަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަން އަބަދުވެސް ކުރިޔަށް ނެރުއްވުން ކަމަށެވެ. އަދި ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން ވިދާޅުވި އެ ކާމިޔާބީ ހާސިލުކުރެއްވުމުގައި މަސައްކަތް ބިނާކުރައްވާނެ އަސާސަކީ ކޮބައިކަމެވެ. ނުވަތަ މަސައްކަތް ކުރައްވާނީ ކޮން ގޮތަކަކަށް ކަމެވެ. ރައީސް ސާފުކޮށް ވިދާޅުވި އެއް ވާހަކަފުޅަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން އެއީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ދިވެހި މި އުއްމަތުގެ މުސްތަޤުބަލަށްޓަކައި ކުރައްވާނެ އެންމެ މުހިންމު ކަންތައް ކަމާއި އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުން އެއީ އެންމެ އިސްކަން ދެއްވާނެ ކަންތައް ކަމަށް ސާފުކޮށް ވިދާޅުވިއެވެ.

" މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން.،" 

"ވަކިން ޚާއްޞަކޮށް ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން. އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުން. އަދި އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުން،" ރައީސް ވިދާޅުވި އެވެ.

ހަދަން ނިންމާފައިވާ ބަނދަރާއި އެއާޕޯޓާއި ހޮސްޕިޓަލްތަކާއި ގޯތިގެދޮރުގެ ވާހަކަ ރައީސްގެ ފަރާތްޕުޅުން އަޑުއަހަން  ކިތަންމެ ކެތްމަދުވެފައި ތިބިނަމަވެސް އެ ވާހަކަތަކުގެ ކުރިއަށް ދެންވެސް ރައީސްގެ ވާހަކަފުޅުން ޖާގަ ދެއްވާފައި އޮތީ ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް ޓަކާ ކުރެއްވި މަސައްކަތްޕުޅުގެ މައްޗަށެވެ. ފަޚުރުވެރިކަމާއި އެކު އިސްލާމީ މި ޤައުމުގެ ރައްޔިތުނަށް އެ ރޮނގުން ކޮށްދެއްވުނު މަސައްކަތްޕުޅު ރައްޔިތުންގެ މަންދޫބުންނާ ހިއްސާ ކުރެއްވުގައި އިސްވެވަޑައިގެންނެވި ތަން ފެނުނެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެން  ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ޓަކައި ތާރީޚީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ. އިސްލާމީ އަޚުވަންތަކަމުން މުޖުތަމަޢުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚްލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށް ޓަކައި ކުރައްވާފައިވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.

"މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މި ދިޔަ އަހަރުވާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި  އެ ޕްރޮގްރާމު ހިންގިފާ. އަދި މިއަހަރު ވެސް، ރިސާލަތު ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިޔަށް ދާނެ.

މީގެ އިތުރަށް، ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި  "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ވާނީ ފަށައިފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ރިޔާސީ ބަޔާނުގައި އިސްލާމް ދީނުގެ ވާހަކަ އެއް ޖުމްލައިން ނިންމާލެއްވީއެއް ނޫނެވެ. އޭގެ ބަދަލުގައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް މި އަހަރު ކުރިއަށް ގެންދާން މި އަހަރު ނިންމަވާފައިވާކަން ފާހަގަ ކުރައްވައި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް މައްޗަށް އޮތް ލޯބި ހިއްސާ ކުރެއްވި އެވެ.

" ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް. މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިޢުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫޢުގައި ޝާއިޢުކުރެވިފައިވާ ސާފު ޙަޤީޤަތެއް.  އެހެންކަމުން ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގާ. ވީމާ، އިސްލާމީ  ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ވާނީ ހަމަޖައްސާފާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް ވަނީ އަލުން އުފައްދާފަ އެވެ. އެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ޙާލަތު ދަނީ ދުވަހުން ދުވަހަށް ބަލަހައްޓަމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވަނީ ޚަރަދު ކުރެވިފަ އެވެ.  ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވަން ރައީސް ނިންމަވާފައިވާކަން އިޢުލާން ކުރެއްވުމަކީ، އިސްލާމީ ކަންކަމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ބަލާއިރު ހައިރާންވާން ޖެހޭ ކަމެއްވެސް ނޫނެވެ.

ޒަކާތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މުހިންމު އެއް ރުކުނަށްވާއިރު ޒަކާތުގެ ނިޒާމް ހަރުދަނާ ކުރައްވަން ދެއްވާ އަހައްމިއްޔަތު ރައީސްގެ ރިޔާސީ ބަޔާނުން ކިތަންމެހާ ވެސް ބޮޑަށް ސާފުވިއެވެ.

"ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތަކީ އިޖުތިމާޢީ ޢަދާލަތުގެ ވަރަށް ޚާއްޞަ އެއް އަސާސް. ޒަކާތުގެ ސަބަބުން އިންތިހާއީ ފަގީރުކަން ނައްތާލެވި މާލީ ފުދުންތެރިކަމެއް މުޅި ޤައުމުގައި އަށަގެންނެވޭ. އޭގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ޤާއިމުކުރެވޭ. މިއީ އިސްލާމީ ތާރީޚު ކަށަވަރުކޮށްދީފައިވާ ޙަޤީޤަތެއް. އެހެންކަމުން  ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ޓަކާ ޒަކާތު ހައުސް އުފެއްދިކަން މި ދިޔަ އަހަރު މި ފިޔަވަޅުމަތީ ހުއްޓިހުރެ އަޅުގަނޑު ވާނީ ދަންނަވާފާ.  ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާއަށް ބަލާއިރު،  ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ޤާއިމުކޮށްދޭން ފަށައިފާ. ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ވާނީ ފާސްކުރެވިފާ. އަދި ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށް ޓަކާ ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމަށް ޓަކާ،  "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ވަނީ ބޭއްވިފާ. މި ގޮތަށް ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް،  އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ،"

ރައީސް ދެއްވި ރިޔާސީ ބަޔާނުގެ އެންމެ ކުރީކޮޅުން އިސްލާމީ ކަންކަމާ ގުޅޭ ވާހަކަ އިސްކުރައްވާފައިވުމަކީ ބޮޑެތި މަޝްރޫއުތަކެއްގެ ވާހަކަ ނޫނަސް ޝައުޤުވެރި އަދި ފަޙްރުވެރި ވާހަކަފުޅުތަކެކެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅުގައި އެކަމަށް ދެވިފައިވާ ޝައުގުވެރިކަމާއި އަހައްމިޔަތުކަން ދައްކައިދޭ އަލިގަދަ ހެއްކެކެވެ. އިސްލާމް ދީނަށް ރައީސް ދެއްވާ އިސްކަމަކީ ދެ މީހަކަށް ދެ ބަސްވެވޭވަރަށް ވުރެ ސާފުކޮށް ފެންނާން އޮތްކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު