ENGLISH
22 އޭޕްރީލު 2025
ހުއްޓިފައި ހުރި މަސައްކަތްތައް ފަށައި، މިއަހަރު 1043 މަޝްރޫޢު ކުރިއަށްދާނެ: ރައީސް
08 ފެބްރުއަރީ 2025
|
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ. ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރު ހިންގަވާނެ. ފޮޓޯ: ރައީސް އޮފީސް
ހުއްޓިފައިވާ މަޝްރޫޢުތަކާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއި، އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރު ކުރިއަށްގެންދަވާނެކަމުގެ އުފާވެރި ޚަބަރު ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވެވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ހުއްޓިފައިވާ މަޝްރޫޢުތަކާއި އަދި އިންތިޚާބާ ދިމާކޮށް އެއްވެސް ބަޖެޓެއް ޕްލޭނެއް ނެތި އެއްބަސްވުންތައް ހަދައި އެއްގޮތަކަށްވެސް މަސައްކަތް ނުފެށިހުރި މަޝްރޫޢުތައް ހުރި ކަމަށެވެ.
""ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމުމާއިއެކު، މަސައްކަތް ފަށާ، ކުރިއަށް ނުގޮސް ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް މި ދަނީ ކުރަމުން. މިގޮތުން ހުއްޓިފައިވާ ފެނާ ނަރުދަމާ މަޝްރޫޢުތަކާއި، ސްކޫލް އިންފްރާސްޓަރަކްޗަރ، ހެލްތު ސެންޓަރ އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހާއި މާޗްމަހުގެ ތެރޭގައި ފެށޭނެ. ހުރިހާ ބާވަތެއްގެ މަޝްރޫޢުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫޢުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫޢުތަކާއެކު ޖުމްލަ 1043 މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. "
ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން އަރައިފޭބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، 2024 ވަނަ އަހަރު 9 ބަނދަރެއްގެ މަސައްކަތް ނިންމައި 52 ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި، މިއަހަރުގެ ތެރޭގައި 10 ރަށެއްގައި ބަނދަރުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ބަނދަރުގެ މައްސަލައިގެ އިތުރުން މަގުތަކުގެ މައްސަލަ ޙައްލުކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން، މާލޭގެ މަގުތައް އަލުން ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫޢުއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް، ފީސިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މާލޭގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މާލޭގެ މަގުތަކުގެ އިތުރުން މުޅި ރާއްޖޭގައި މަގުހެދުމުގެ 50 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގެ ފެނުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތުގެ ދަށުން މިއަހަރު، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތް ނިންމައި މާލެ ސަރަޙައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖުމަތީގައި އަޅާފައިވާ ހޮޅި ބޭނުންކުރަން ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި، މާލެ ސަރަޙައްދުގައި ފެން އުފެދޭ މިންވަރު މިއަހަރު 25 އިންސައްތަ އިތުރުކޮށް މާލެ ސަރަޙައްދުގައި ފެން ރައްކާކުރުމުގެ ޤާބިލުކަން މިއަހަރުގެ ތެރޭގައި 30 އިންސައްތަ އިތުރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ތަފްޞީލްކޮށްދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ ހާމަކުރައްވާފައެވެ.
""އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ. އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނަން. އަދި އައްޑޫ އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. "
ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ ޕާކިން މައްސަލަ ޙައްލުކުރުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގގެ އެހީގައި މާލޭގެ 4 ސަރަޙައްދެއްގައި ތިމާވެއްޓާއި ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވަރ ޖެނެރޭޓްކުރާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ. އެގޮތުން ޕާކިން ބިލްޑިންގތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.